ދައުލަތުގެ އާމްދަނީ

މިދިޔަ މަހު ދައުލަތުގެ އާމްދަނީ 82 ޕަަސެންޓް ދަށަށް

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 82.7 ޕަސެންޓް ދަށް ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ނެރެފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 276 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 82.7 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ މަހުގެ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު ޓެކްސް ދެއްކުމުގެ ސުންގަޑިއަށް ގެނައި ބަދަލާއެކު އެވެ.

މީރާގެ ރިޕޯޓް ދައްކާ ގޮތުން ދައުލަތަށް އާމްދަނީ ލިބޭ ހުރިހާ ދާއިރާއަކުން ވަނީ އާމްދަނީ ދަށްވެފަ އެވެ. އެންމެ ބޮޑަށް ދަށްވެފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 132 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ޖީއެސްޓީގެ ގޮތުގައި 504 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު ތިން މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ޖޫން މަހު 56 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރު އިންކަމް ޓެކްސްގެ ގޮތުގައި ޖޫން މަހު ލިބިފައި ވަނީ 33 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި ޖޫން މަހު ލިބިފައި ވަނީ 4.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައި ވަނީ 49 މިލިއަން ރުފިޔާ އެވެ.

އާމްދަނީ ކުރުކޮށް

  • ޖީއެސްޓީ 132 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސް 33 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް ތިން މިލިއަން ރުފިޔާ
  • ބިމު ކުލީގެ ގޮތުގައި 47 މިލިއަން ރުފިޔާ
  • ޑޮލަރު ލިބުނީ 7.4 މިލިއަން ޑޮލަރު

މިދިޔަ މަހު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 47 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ޓެކުހުން މިދިޔަ އަހަރު ލިބިފައި ވަނީ 342 މިލިއަން ރުފިޔާ އެވެ.

ޑޮލަރުން އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 7.4 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ލިބުނީ 61 މިލިއަން ޑޮލަރެވެ.

ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވިއިރު، މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. މެއި މަހުގެ އާމްދަނީ ވަނީ 81 ޕަސެންޓް ދަށްވެފަ އެވެ. މެއި މަހު އާމްދަނީގެ ގޮތުގައި ލިބުނީ 206.28 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހުއްޓިފައިވާތީ މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.