ބިދޭސީން

މަޑުއްވަރި: ބިދޭސީންގެ މައްސަލާގައި ޖޫރިމަނާ އުސޫލެއް ނެރެފި

ގަވާއިދާ ހިލާފަށް ރ. މަޑުއްވަރީއަށް ބިދޭސީން ގެންދާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރާ ގޮތަށް އެ ރަށަށް ބިދޭސީން ގެންދިއުމާއި، ބިދޭސީން ގެންގުޅުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލެއް އެ ރަށު ކައުންސިލުން އާންމު ކޮށްފި އެވެ.

މަޑުއްވަރީ ކައުންސިލުން ބުނީ އެ އުސޫލަށް އަމަލުޗކުރަން ފަށަން ނިންމާފައި ވަނީ އަންނަ އޯގަސްޓް މަހުން ފެށިގެން ކަމަށެވެ. އެ އުސޫލަށް އަމަލު ކުރަން ފެށުމާއެކު ގަވައިދާ ހިލާފަށް ރަށަށް ބިދޭސީން ގެންދާ ފަރާތްތަށް ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކުރެ ކަމަށެވެ.

އެ އުސޫލު ބުނާ ގޮތުގައި އޭގެ ފަހުން ހުއްދަ ނުހޯދައި ބިދޭސީން ގެންދާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ބިދޭސީ މީހާއާއި އޭނާ ގެންދިޔަ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ އެވެ. އަދި އުސޫލާއި ހިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގޮސްގެން ތިން ފަހަރަށް ޖޫރިމަނާ ކޮށްފިނަމަ އެ ފަރާތަކަށް އެއް އަހަރު ދުވަސް ވަންދެން ބިދޭސީން ގެންދިއުމުގެ ހުއްދަ ނުދޭނެ އެވެ.

މަޑުއްވަރީ ކައުންސިލުން ބުނީ މި އުސޫލެއް ހަދަން ޖެހުނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަ ނޫން ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ގައުމާއި ރައްޔިތުންނަށް ނުރައްކަލަކަށްވުމުން ކަމަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަޑުއްވަރީއަށް ގެންދަންވާނީ ވަޒީފާއާއި ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނު އަދި ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތަކާއި ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ބިދޭސީންނެވެ.