ހަބަރު

އެމްއެންޔޫގެ "ވާޗުއަލް އޯޕަންޑޭ" މާދަމާ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މަތީ ތައުލީމު އުނގެނުމަށް ހުރި ފުރުސަތުތަކާ ގުޅޭ "ވާޗުއަލް އޯޕަން
ޑޭ" ގެ އޮންލައިން ސެމިނާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އޮންލައިންކޮށް ކުރިއަށްގެން ދާ މި ސެމިނާ، އޮންނާނީ މާދަމާ ރޭ 9:00 އިން 10:30 އަށެެވެ.

އެމްއެންޔޫ އިން ބުނީ، އެ ޔުނިވާސިޓީގެ ފޭސްބުކު ޕޭޖުން ލައިވް ކުރާ އިވެންޓުގައި އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި އަތޮޅުތަކުގެ ކެމްޕަސްތަކުން ބައިވެރިވާނެ ކަމަށާއި ފެކަލްޓީތަކުން ކިޔަވައިދޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ދޭނެ ކަމަށެވެ.

އިތުރަށް ބުނީ، އަންނަ މަހު ޔުނިވަރސިޓިން ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް ރަޖިސްޓްރީ ވާނެ ގޮތާއި، ސްކޮލާޝިޕް ފުރުސަތުގެ މައުލޫމާތު ދިނުންވެސް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ދަރިވަރުންނާއި އާއްމުންގެ ސުވާލުތަކަށް އޮންލައިން ސެމިނާގައި ވަގުތުން ޖަވާބުދެމުންގެންދާނެ ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫގެ މިއަހަރުގެ ދެވަނަ ޓާމްއަށް ވަނުމުގެ ފުރުސަތުވަނީ 30 ޖުލައި 2020 އާއި ހަމަޔަށް ވަނީ ހުޅުވާލާފަ އެވެ.

ގައުމީ ޔުނިވާސިޓީން ކޮންމެ އަހަރަކުވެސް ކޯސްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޯޕަންޑޭ ބާއްވަ އެވެ. ކޮވިޑް-19 އާ ގުޅިގެން ޔުނިވާސިޓީތަކުގެ ފެކަލްޓީތަކުގައި ތިބެ ކިޔެވުން ވަނީ އަދިވެސް މެދުކަނޑާލާފަ އެވެ. އެެހެންނަމަވެސް، އޮންލައިންކޮށް ދަނީ ކިޔަވައިދެމުންނެވެ.