ހަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު ސަސްޕެންޑުކޮށްފި

Jul 22, 2020
1

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ޝުޖާއުގެ މައްޗަށް ތަހުގީގު ކުރަމުންދަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ގއ. ގެމަނަފުށްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމާއި، ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ، ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާކަމުގެ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިމުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއުއަށް މިދިއަ ހޯމަ ދުވަހު ދީފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރެއްގެ ސުލޫކާ ހިލާފު ގިނަ ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ ޝުޖާއު ވަގުތީ ގޮތުން މަގާމުން ދުރުކޮށްފައިވަނީ ދެ މަސް ދުވަހަށެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

ޝުޖާއު ސަސްޕެންޑުކޮށްފައިމިވަނީ އެ ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އިއްޔެ އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

ހަސަން އިސްތިއުފާ ދެއްވާފައިވަނީ ޖޭއެސްސީ އިން ބަލަމުންދާ މައްސަލައަށް ޖަވާބުދާރީވެ ވަޑައި ނުގެން ހުންނެވުމަށް ފަހު އެވެ.

ޖޭއެސްސީއިން ބަލަމުން ދިޔައީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ސުލޫކީ މައްސަލައެކެވެ.