ސްކޫލް

އިތުރު ގްރޭޑްތަކުގެ ކިޔެވުން ފެށުން ނުރައްކަލެއް ނޫން: ނަޒްލާ

އަންނަ މަހުން ފެށިގެން އިތުރު ގްރޭޑް ތަކުގައި ކިޔަވައި ދޭން ނިންމާފައި ވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ޔަގީން ކުރެވޭނަމަ ނުރައްކަލެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ އާއި މިއަދު ވެސް ސްކޫލް ކުދިންނާއި ސްކޫލްތަކުގެ ބަައެއް ސްޓާފުން ޕޮޒިޓިވްވި ކަމަށެވެ. ނަމަވެސް، މިވަގުތު ސްކޫލަށް ދާ އެއްވެސް ކުއްޖެއް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ސްޓާފުންގެ ތެރެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން އިތުރު ސްޓާފުންގެ ކޮންޓެކްޓުންނަށް ވެފައި ތިބީ ސްކޫލުން ބޭރުގައި އެއްކޮށް މާސްކު ނާޅާ ގިނަ ވަގުތު ހޭދަކޮށްފައި ތިބި މީހުން ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ސްކޫލްތަކުގައި އިތުރު ގްރޭޑް ތަކަށް ކިޔަވައި ދޭން އަންނަ މަހު ފަށާއިރު، މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތައް ކަށަވަރު ކުރާ ނަމަ ރައްކާތެރިކަން އެބައޮތް ކަމަށެވެ. އަދި ޕޮޒިޓިވްވެފައިވާ މީހަކު ސްކޫލަށް ދިޔައަސް، އެ މީހެއްގެ ފަރާތުން އެހެން މީހުނަށް ބަލި ނުފެތުރޭނެ ގޮތަށް ކަންތައްތައް ބެހެއްޓިފައި އޮތުމުން ރައްކާތެރިކަން އެބަ އޮތް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެޑިއުކޭޝަނާއެކު މަސައްކަތް ކޮށްގެން ވަނީ އިންޓަނޭޝަނަލް ގައިޑްލައިންތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ރާއްޖޭގެ ސްކޫލްތަކުގައި ޕޮޒިޓިވް މީހަކު އަޔަސް، އޭނާގެ ފަރާތުން އެހެން މީހުންނަށް ނުފެތުރޭނެ ގޮތަށް ކަންތައްތައް ބެހެއްޓިފައި. ކުރިއަށް އޮތް ތަނުގައި ވެސް މި ގޮތަށް އަމަލު ކުރެވިއްޖިއްޔާ މިގޮތަށް މިކަން [ރައްކާތެރިކަން] އޮންނާނެ" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންޓެކްޓުންގެ ގޮތު ސްކޫލްތަކުގެ ތެރެއިން ނަގަންޖެހޭ މީހުން މަދު ކަމަށާއި ކޭސްތައް ފެންނަނީ ވެސް އެހެން ކޭސްތަކާ ގުޅިގެން ސްކޫލް މާހައުލުގެ ބޭރުން ކަމަށެވެ.

"ސްކޫލްތަކުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ އަދި މިހާތަނަށް ސްކޫލް މާހައުލުގެ ތެރެއިން އެކަކު ފަރާތުން އަނެކަކަށް ބަލި ޖެހިފައި އޮތް ކަަމަކަށް ފާހަގަ ކުރެވިފައެއް ނެތް އެއްގޮތަކަށް ވެސް. ކުޑަކުދިންނަ ވެސް ބަލި ޖެހިފައި މި ތިބީ ސްކޫލަށް ގޮސްގެނެއް ނޫން. ސްކޫލަށް ނުދާ އުމުރުގެ ކުދިންވެސް އެބަ ތިބި ބަލި ޖެހިފައި،"

އެޑިއުކޭޝަނުން ވަނީ އަންނަ އީދު ބަންދަށް ފަހު އަންނަ މަހު މާލެ ސަރަޙައްދުގައި ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފަށަން ތައްޔާރުވާ ކަމަށް ބުނެފަ އެވެ. އިތުރު ގްރޭޑް ތަކަށް ކިޔަވައިދޭން ތައްޔާރުވާއިރު ބައެއް ބެލެނިވެރިންގެ ވަނީ އެކަމާ ނުރުހިފަ އެވެ.