ދުނިޔެ

ޗުއްޓީގައި 42 އަހަރު، ވަޒީފާ އިން ވަކިކުރީ އަދި ކިރިޔާ!

އިންޑިއާގެ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މީހަކު މީގެ 24 އަހަރު ކުރިން ޗުއްޓީއެއްގައި ދިޔަ ފަހުން އަލުން ވަޒީފާ އަށް ނުނިކުންނާތީ އޭނާއާ މެދު ފިޔަވަޅު ނޭޅި ހުރުމަށް ފަހު އެންމެފަހުން ވަޒީފާ އިން ވަކިކޮށްފި އެވެ.

ޗުއްޓީ އާއި ސަލާމުގެ މައްސަލަތައް ގިނަ އިންޑިއާގައި މިފަދަ ކަންކަމަކީ އާކަމެއް ނޫނެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ ޓީޗަރެއްގެ ވަޒީފާ އަށް ވަންތާ އަހަރު ދުވަސް ފަހުން ޗުއްޓީ އަށް ދިޔަ މީހެއްގެ ހަބަރެއް ނުވެ 23 އަހަރު ވުމުން އޭނާ ވަޒީފާ އިން ވަކިކޮށްފަ އެވެ.

އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އެމް ވެންކައިއާ ނައިދޫ ވިދާޅުވީ 1990 ވަނަ އަހަރު ޗުއްޓީ އަށް ދިޔަގޮތަށް ވަޒީފާ އަށް ނާންނާތީ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސެންޓްރަލް ޕަބްލިކް ވާކްސް ޑިޕާޓްމަންޓުގައި އިލެކްޓްރިކަލް އިންޖިނިއަރެއްގެ ވަޒީފާގައި ހުރި އޭކޭ ވަރްމާ ކިޔާ މީހެއް ކަމަށެވެ. އޭނާ އެ ވަޒީފާ އަދާކުރަން ފަށާފައި ވަނީ 1980 ވަނަ އަހަރު އެވެ.

ވަރްމާ ޗުއްޓީ އަށް ދިޔަ ގޮތަށް ނާންނާތީ އޭނާގެ މައްސަލަ 1992 ވަނަ އަހަރު ވަނީ ބަލަން ނިންމައިފަ އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުނީ ވެސް 2007 ވަނަ އަހަރު އެވެ. އެހެންވެ ވަރްމާގެ މައްސަލާގައި ގޮތެއް ނިންމަން ވެސް ހަތް އަހަރު ވަނީ ހޭދަވެފަ އެވެ.

ވަޒީފާ އަށް ހާޒިރު ނުވުުގެ މައްސަލަ އޭޝިއާ ސަރަހައްދުުގައި އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ ކަމަށް 2012 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވެ އެވެ. އަދި ސަރުކާރުގެ ތެރެއިން ކަންކަން ނިންމުމަށް ވެސް އެންމެ އުނދަގޫ އެއް ގައުމަކީ އިންޑިއާ އެވެ. މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވަނީ މި މައްސަލަ ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. -- ބީބީސީ