ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގައުމަށް އަމިއްލައަށް ފުރައިގެން ދާން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިދީފި އެވެ.
އިމިގްރޭޝަނުން ނެރެނު އިއުލާނެއްގައި ބުނީ ބައިނަލްއަގްވާމީ ދަތުރު ހުޅުވާލުމުން ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެންދާން ބޭނުންވެފައި ތިބި ކަމަށެވެ. އެހެންވެ އެ ފަރާތްތަކަށް ފަސޭހަކަމާއެކު ފުރޭނެ ގޮތް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން އަތުގައި މުއްދަތު ހަމަ ނުވާ ޕާސްޕޯޓެއް އޮތް، އެކި ސަބަބުތަކާހުރެ ރާއްޖެއިން ނުދެވިފައި ތިބި މީހުންނަށް ފަސޭހައެއް އިންތިޒާމެއް ވަނީ ހަމަޖައްސާފަ އެވެ.
އެފަދަ މީހުން، އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާ އެކުގައި އެއާޕޯޓް އިމިގްރޭޝަން ހުށަހެޅުމުން ފުރައިގެން ދެވޭނެ އެވެ. މި ފުރުސަތު މި އަހަރުގެ ނިޔަލަށް އޮންނާނެ އެވެ. ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރަން ބޭނުންވާ ފަރާތްތަކުން އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަންއަށް ދާން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ގަވައިދާ ހިލާފަށް އުޅުނު މީހުން ވެސް ހިމެނޭ ގޮތުން އެ އަދަދު 4000 އަށްވުރެ މައްޗަށް އަރަ އެވެ.