ދުނިޔެ

ރާޖަޕަކްސަގެ އެކުވެރިޔާ ރާޖަޕަކްސަގެ މަގާމު އަތުލުން

ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް ކުރި ހޯއްދެވި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް މައިތިރީޕަލާ ސިރިސޭނާ އަކީ އެއް އިރެއްގައި ރާޖަޕަކްސްގެ އެންމެ އަރިސް އެއް ވަޒީރެވެ. ކެބިނެޓްގައި ސިރިސޭނާ އަށް ހަވާލުވެފައި ވަނީ ހެލްތު މިނިސްޓަރުކަމެވެ. އެކަމަކު ނޮވެމްބަރު މަހު އޭނާ ވަޒީރުކަން ދޫކޮށްލެއްވުމަށް ފަހު ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާ އެކު ދެ ބޭފުޅުން ހަތުރުންނަށް ވީއެވެ. ރާޖަޕަކްސަގެ ސަޕޯޓަރުން ވެސް ސިރިސޭނާ އަކީ ޚާއިނެއްގެ ގޮތުގައި ސިފަކުރި އެވެ.

ސިރިސޭނާ އަކީ ދަނޑުވެރި ސިންހަޅަ އާއިލާ އަކަށް ނިސްބަތްވާ ބޭފުޅެކެވެ. ރާޖަޕަކްސަ އަކީ ވެސް ބައި ގިނަ ސިންހަޅައިންގެ ނުފޫޒު ގަދަ ބޭފުޅެކެވެ. އެކަމަކު ސިރިސޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ ބޮޑު އިއްތިހާދެކެވެ. އިދިކޮޅު އިއްތިހާދުން ވަނީ އިންތިހާބަށް އިއުލާނުކުރަންދެން، އެ އިއްތިހާދުގެ ކެނޑިޑޭޓަކީ ކޮބައިކަން ސިއްރުކޮށްފަ އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ސިރިސޭނާގެ ކާމިޔާބީ އަށް ވުރެ އިންތިހާބުގެ ނަތީޖާ އެނބުރިގެން ދިއުމުގެ ސަބަބަކީ ރާޖަޕަކްސަގެ ވެރިކަން އޮތް ގޮތް ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތައް ގިނަވުމާއި އާއިލީ ބޭފުޅުންނަށް ހުރިހާ މުހިންމު މަގާމުތައް ދިނުމާއި ސިޔާސީ މިނިވަންކަން ހަނިކުރުން ހިމެނެ އެވެ.

"މުޅި އިގްތިސާދާއި ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ އެއް އާއިލާއަކުން. ރައީސްގެ ތިން ބެއިންނާއި ރައީސްގެ ދަރިކަލުން މި ވަނީ ނުފޫޒު ގަދަ ހުރިހާ މަގާމެއްގައި،" ސިރިސޭނާ ވިދާޅުވެފައިވެ އެވެ.

ކެމްޕޭނުގައި ވެސް ގައުމުގެ ދާހިލީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ވާހަކަ އަށް ވުރެ ބޮޑަށް ސިރިސޭނާ ދައްކަވާފައި ވަނީ ރާޖަޕަކްސަގެ އާއިލީ ވެރިކަމާއި ކޮރަޕްޝަނުގެ ވާހަކަ އެވެ. އަނެއްކޮޅުން ރާޖަޕަކްސަ ވިދާޅުވަމުން ގެންދެވީ އަރިހުގައި އުޅުއްވުމަށް ފަހު ސިރިސޭނާ ދެކޮޅަށް ނިކުމެވަޑައިގަތީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ. އެހެންވެ ވެރިކަން ލިބިވަޑައިގެން ނަމަވެސް ރައްޔިތުންނަށް ވެސް ދޭނީ ލަނޑުކަން މިކަމުން އެނގޭ ކަމަށް ރާޖަޕަކްސަ ވިދާޅުވެފައިވެ އެވެ.

ސިރިސޭނާ އަކީ ލަންކާގައި ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ޓައިގަރުންގެ ބާރު އޮތް ސަރަަހައްދެއްގެ ބޯޑަރާ ކައިރި ހިސާބެއްގައި އުޅުއްވި ބޭފުޅެކެވެ. ސަރުކާރާ ދެކޮޅު ހަރަކާތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވިގެން، އުމުރުން 19 އަހަރުގައި ސިރިސޭނާ ޖަލަށް ވެސް ލާފައިވެ އެވެ. އުމުުރުން 63 އަހަރުގެ ލީޑަރަކީ އޭނާ ވިދާޅުވާ ގޮތުން ނަމަ ކޮރަޕްޝަނާ ގުޅުމެއް ނެތް ބޭފުޅެކެވެ. ގިނަ ރައްޔިތުން ވެސް ގަބޫލުކުރަނީ އެގޮތަށެވެ.

އިންތިހާބުގައި ސިރިސޭނާ ވަނީ ސިންހަޅައިންގެ އިތުރުން ތަމަޅައިންގެ ސަރަހައްދުތަކުން ވެސް ކުރި ހޯއްދަވައިފަ އެވެ. އެހެންވެ އޭނާ އަށް ޖުމުލަ ގޮތެއްގައި ގައުމުގެ ހުރިހާ ހިސާބަކުން ވެސް ތާއީދު ލިބިވަޑައިގެންފައިވެ އެވެ.