ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަދި ހާލަތަށް އެކަށީގެންވާ ގޮތަށް ހިޔާލުފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިނިވަން ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްއާ ޕީއެންސީގެ މެންބަރުން މުޒާހަރާކޮށްފައިވަނިކޮށެވެ. އެ މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލްއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާންވެސް އެންގިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މާލެ ސިޓީގައި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތި، މާސްވެސް ނާޅާ ގިނަ ބަޔަކު ބައިވެރިވާ އެއްވުންތައް ބާއްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި މި ދުވަސްވަރަކީ ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ދުވަސްވަރެއް ކަމަށާ ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުންވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާއިރު މަގުމައްޗަށް ނިކުމެ އުޅުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ސަމާލުވުމަށް ފުލުުހުން ވަނީ އިލްތިމާސްކޮށްފައެވެ.
"..އަދި ގާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތަށް އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅުކުރުމަށް މި ސާވިސްއިން އިލްތިމާސްކުރަން،"
ފުލުހުން ވަނީ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދީފައެވެ. އަދި އެއްވުމެއް ނުވަތަ ފުލުހުންނާއި ގުޅުންހުރި އެހެން ހަރަކާތެއްވެސް ކަވަރުުކުރުމުގައި އެއްވެސް ދައްޗެއް ދިމާވެއްޖެނަމަ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
ފުލުހުން މިހެން ބުނެފައިމިވަނީ މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިންތިޒާމްތައް ރާވަން މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައިވަނިކޮށެވެ.
އެ ކައުންސިލުގެ ބަޔާނެއްގައި ބުނެފައި ވަނީ ހަމަ ހަމަކަމާއި އިންސާފުވެރި ކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރުމުގެ ފުރުސަތު މީޑިއާ އާއި ނޫސްވެރިންނަށް ލިބޭކަން ކަށަވަރު ކުރުމަކީ އެ ކައުންސިލުގެ ޒިންމާއެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިނިވަން ނޫސްވެރިކަމާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.