ޕޮލިޓިކްސް

ގާނޫނުގެތެރޭ ސިޔާސީ ހަރަކާތްތައް ހިންގަން ގޮވާލައިފި

ގާނޫނުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަހުމަދު އަކްރަމް އިލްތިމާސް ކުރައްވައިފި އެވެ.

ޓްވީޓެއް ކުރައްވައި އޭނާ މި އިލްތިމާސް ކުރައްވާފައި ވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީން މިދިޔަ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނިކޮށެވެ. އަދި މުޒާހަރާތަކުގައި ބައެއް މީހުން މާސްކް ނާޅައި އުޅުމާއި ގައިދުރުކަން ބަހައްޓާފައި ނެތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ.

އަކްރަމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯހުން ގޯހުން ދާއިރު، އެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަްތ ކުރަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި އިންސާނީ ކަރާމަތާއި ސަލާމަތަށް އިސްކަން ދީގެން ކަމަށެވެ.

މި މޭރުމަކުން އޭނާ ލިއުއްވައި ޓްވީޓެއް ކުރެއްވިއިރު، އިދިކޮޅު ކޯލިޝަންގެ ރޭގެ މުޒާހަރާގެ ތެރެއިން ބަޔަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ފުލުހުން އާންމުކޮށްފައި ވެއެވެ. އަދި އެ ކަން ކުރި ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ކަމެއް އެ ކޯލިޝަނުން ނުކުރާނެ ކަމަށާއި ހިތްވަރު ވެސް ނުދޭނެ ކަމަށެވެ. އެއީ އެހެން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އެ ކަމެއް ކުރި ފަރާތަކަށް ފިޔަވަޅު އަޅަން ޝިޔާމް ވެސް ގޮވާލެއްވި އެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާ ކުރަމުންދާއިރު، ކޮވިޑް ރޯގާ އަދިވެސް ދަނީ ބާރު މިނުގައި ފެތުރެމުންނެވެ. އެހެންކަމުން މިހާރު އިއުލާން ކުރެވިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ނޫޅެން ވެސް އިލްތިމާސް ކޮށްފަ އެވެ.