ލައިފްސްޓައިލް

މި ވީޑިއޯ އިން އީދުގެ ހަނދާންތަކާއެކު ގޭގައި

އީދަކީ ދިވެހިންގެ ހިތާ ގުޅިފައި އޮންނަ ބަންދެކެވެ. ހާއްސަކޮށް ބޮޑު އީދެވެ. އީދަށް މާ ކުރިން ތައްޔާރުވެ އެވެ. ޗުއްޓީ ޕްލޭން ކުރާ ދުވަހުން ފަށައިގެން އީދު ލިސްޓެއް ތައްޔާރުކޮށް އެއްޗެހި ގަނެ އެވެ. ރަށަކަށް އީދު ފާހަގަ ކުރަން ދަންޏާ އިދު ކުޅިވަރުތައް އެންމެ ގިނައިން އޮންނަނީ ކޮން ރަށެއްގަތޯ ބަލައި، އެންމެ ފޯރިގަދަ ރަށަކަށް ކުރިއާލާ ޓިކެޓު ހޯދަ އެވެ. ރަށުގައި ތިބޭ އާއިލާ ކުދިންނަށް ހެދުން ހޯދުމަކީވެސް މާލެ އިން ފުރައިގެން ދާ މީހުންނަށް ކޮންމެހެން މަޖުބޫރަށް އޮންނަ ކަމެކެވެ. އެއީ ރަށަށް ގެންދާ މެޓާ ކޮތަޅާއި ހަދިޔާ ފުޅިތަކުގެ އިތުރަށް ކުރަން ހުންނަ ކަންކަމެވެ. ބައެއް ފަހަރު އަމިއްލަ ރަށަށް ރައްޓެހިން ގެންދިއުމާއި އޮފީސް މީހުންނަށްވެސް މިއީ އަހަރެންގެ ރަށޭ ކިޔައި ދައްކާލެވެނީ އީދުގެ ބަންދުގަ އެވެ. އެއީ އީދަކީ އެންމެން އެއްބައި ކުރުވާ އުފަލާއި މަޖަލުގައި ހޭދަ ކުރާ ދުވަސްތަކަކަށް ވާތީ އެވެ.

މި އީދުގައި އަހަރުމެން އެންމެން މި ތިބީ ގޭގަ އެވެ. ކޮވިޑް19ގައި މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރޭ އޮތް އިރު މުސްލިމުންގެ އީދު އީދަށް ނުވިޔަސް މިއަދުވެސް އީދުގެ ހަނދާންތައް އާކޮށްލެވޭނެ އެވެ. ކުރީ އަހަރުތަކުގެ އީދާއެކު މި އީދު ގޭގައި ތިބެ ފާހަގަ ކޮށްލަން މިފަހަރު މަޖުބޫރެވެ. އީދުގެ މަޖާ ފޮނި ހަނދާންތައް މިފަހަރު އެންމެންނަށް މި ދައްކުވައިދިނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

މޯލްޑިވިއަންގެ ވީޑިއޯ --

މޯލްޑިވިއަން އިން އީދުގެ ތަހުނިޔާ ކިޔުމަށް ނެރުނު ވީޑިއޯ އިން ދައްކުވައިދެނީ އަހަރުމެން އީދު ފާހަގަ ކުރި ގޮތެވެ. ދިވެހިންނަށް އީދު ހާއްސަ ކަމެވެ. ވީޑިއޯގައި ފެންނަ ކުއްޖެއްގެ ފޯނަށް އަންނަ "އެއް އަހަރު ކުރީގެ މެމޮރީ" އާއެކު އޭނާ އަށް މުޅި އީދު އެއްކޮށް އަލުން ހަނދާންކޮށްލަ ދިނެވެ.

އާއިލާ މީހުންނާއެކު މޯލްޑިވިއަންގެ ބޯޓެއްގައި ފުރައިގެން ރަށަށް ގޮސް އީދުގެ ކުޅިވަރުތަައް ފަށަނީ އެވެ. އީދަށް އޮންނަ ރޭ ދަންވަރު 12 ޖެހުމާއެކު އީދު ހުޅު ރޯ ކުރެ އެވެ. ހެނދުނުގެ ކުލަ ޖެހުމާއި މޫދަށް ޖެހުމާއި ފެންކުޅީގެ ސަކަރާތާއެކު ދެން އަންނަނީ މާލި ތަކެވެ. ކުދި ބޮޑު އެންމެން ދެލި އުނގުޅާ ގައިގައި ގޯނި އޮޅާ އެކި ފާޑުގެ މާލިތަކަށް ވެގެން ރަށުތެރޭ ހިގާ ހަދަ އެވެ. ހަވީރަށް އޮންނަ ދަނޑި ޖެހުމާއި ދަފި ނެގުމާއި މާފަތި ޖެހުން ކަހަލަ ދިވެހިންގެ ސަގާފީ ކުޅިވަރުތަކާއެކު އީދުގެ ފޮނި ހަނދާންތައް މި ވީޑިއޯގައި ދައްކާލަ އެވެ. އަހަރެއް ކުރީގައި ޖެހި ސަކަރާތުގެ ހަނދާންތައް ނިންމާލަނީ، ގޭގައި ހުރި އެހެން ކުއްޖެއް އައިސް ދެ ކޮލުގައި ކުލަ އުނގުޅާ ތަނުންނެވެ. އަދި ބުނެ އެވެ. "މިފަހަރުގެ އީދު ގޭގައި އާއިލާއާއެކު" އެވެ.

މި ވީޑިއޯއިން ދިން މެސެޖުގައި ބުނާހެން މިފަހަރު އީދު އޮތީ އާއިލާ އާއެކު، ގޭގަ އެވެ. ބޭރު ރައްކާތެރި އެއް ނޫނެވެ.
ވީޑިއޯ އާ ގުޅިގެން މޯލްޑިވިއަންގެ ޕީއާރް މެނޭޖަރު މޫސާ ވަސީމް ބުނީ، ވީޑިއޯ އިން ދޭން ބޭނުންވި މެސެޖަކީ މާލޭގައި ތިބި މީހުންވެސް ގޭގައި ތިބެ އެ ހަނދާންތަކާއެކު އީދު ފާހަގަ ކުރުމަށެވެ.

އީދުގެ ފޯރި މިއަދު އަހަރުމެންގެ ތެރޭގައި ނެތަސް މިނެޓެއްހާ ކުރު މި ވީޑިއޯއިން ކުރީގެ ހަނދާންތައް އާކޮށް ދިނެވެ. އެއީ ހަމަ އީދު މެމޮރީސްތަކެވެ. އީދުގެ އުފާވެރިކަން އަލުން ގެނެވޭނީ އަންނަ އަހަރަށްވެސް ކޮވިޑް އިން ސަލާމަތްވެގެންނެވެ. ރައްކާތެރިވެ ގޭގައި ތިބޭށެވެ.