ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.
ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ޓާސްކްފޯހާއެކު ބޭއްވި ބައްދަލު ވުމެއްގަ އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރެއިން ފެށިގެން ބޭރުގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރުވާނެ ކަމަށާ މާސްކު ނާޅާ އުޅޭ މީހުން ފުލުހުން ހުއްޓުވާނެ ކަމަށެވެ. އަދި އަންނަ ހޮނިހިރުން ދުވަހުން ފެށިގެން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ޖޫރިމަނާ ކުރާނީ 1،000 ރުފިޔާއިންނެވެ.
"މިރެއިން ފެށިގެން ޕޮލިހުން ބައްލަވަމުން ގެންދަވާނެ އާންމު ތަންތަނުގައި މާސްކު އަޅައިގެންތޯ އުޅެނީ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ، އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ،"
ނަޒްލާ ވިދާޅުވީ ވަކި ހާއްސަ ކަންކަމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށެވެ. މިރެއިން ފެށިގެން އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށާ ހާއްސަ ކަމެއްނެތި މަގުމަތީގައި އުޅޭ މީހުންނަށް ފުލުުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.