ފައިސާ ފޮއްޗެއް ދިރުވާ ލެވިގެން އިންޑިޔާގެ ކެރެލާގެ ތިން އަހަރުގެ ކުއްޖަކު މިދިޔަ އާދީއްތަ ދުވަހު މަރުވެފައި ވެއެވެ. މިކުއްޖާގެ ތިމާގެ މީހުން ބުނަނީ ސަރުކާރުގެ ތިން ހޮސްޕިޓަލަކަށް ކުއްޖާ ގޮވައިގެން ދިޔަ ކަމަށާއި ކުއްޖާ މަރުވީ އެއްވެސް ހޮސްޕިޓަލަކުން ފަރުވާ ނުދިނުމުން ކަމަށެވެ. މި ކުއްޖާ އެޑްމިޓް ކޮށްދޭން ހޮސްޕިޓަލުތަކުން ދެކޮޅުހެދީ ކޮވިޑް-19 އިގެ ބިރަށެވެ.
އަލޫވާ ކިޔާ އަވަށެއްގައި ތިން އަހަރުގެ ޕްރިތުވީރާޖް ދިރިއުޅެނީ މައިންބަފައިންނާ އެކުގަ އެވެ. އޭނާގެ މައިންބަފައިންނާއި ތިމާގެ މީހުން ކެރަލާ ލޯކަލް ޓިވީއަށް ބުނެފައިވާ ގޮތުގައި އެމީހުން ދިރިއުޅޭ ހިސާބަކީ ކޮވިޑް-19 އިގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ހިސާބަކަށް ވާތީ އެ ހިސާބުން އައި ބަޔަކަށް ވާތީ ފަރުވާ ދޭން ހޮސްޕިޓަލުތަކުން ދެކޮޅު ހަދައި ފޮނުވާލީ ކަމަށެވެ.
މި ކުއްޖާއަށް ފައިސާފޮތި ދިރުވާލެވުނީ ހޮނިހިރު ދުވަހު އެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިއުމުން އެކްސްރޭ ނަގައި ބެލިއިރު ފައިސާފޮތި ފެންނަން އިނެވެ. ނަމަވެސް ފުރަތަމަ ހޮސްޕިޓަލުން ބުނީ ކުޑަކުދިންގެ އޮޕަރޭޝަންތައް ކުރާ ޑޮކްޓަރެއް ނެތް ކަމަށެވެ. އަދި އެހެން ހޮސްޕިޓަލަށް ދިއުމަށް އެދުނެވެ. އެމީހުން ދެ ވަނަ އަށް ދިޔައީ އެރްނަކުލަމް ގަވަންމަންޓް ހޮސްޕިޓަލަށެވެ. އެތަނުން ބުނީ ގަވަންމަންޓް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ދިއުމަށެވެ. އެތަނުން މާ ރަނގަޅު ފަރުވާ ލިބޭނެ ކަމަށަ ބުނެފަ އެވެ.
ނަމަވެސް ތިން ވަނަ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ފައިސާފޮތި އިނީ ކުއްޖާގެ ބަނޑުގައި ކަމަށާއި ދޮންކެޔޮ ކާންދިނުމަށެވެ. އޭރުން ބޮޑު ކަމުދާއިރު ނަޖިހާއެކު ފައިސާފޮތި ބޭރު ވާނެ ކަމަށެވެ.
މިކުއްޖާގެ މައިންބަފައިންނަކީ ވަރަށް ފަގީރު ބަޔަކަށް ވާތީ އަގުބޮޑު ހޮސްޕިޓަލުތަކުން ފަރުވާ ކުރެވޭނެ ފެންވަރު ނެތުމުން ކުއްޖާ ގޮވައިގެން ގެއަށް އައީ އެވެ. އިރު އޮއްސެން އުޅެނިކޮށް ކުއްޖާގެ ހާލު ކުއްލިއަކަށް ބޮޑުވީ އެވެ. އަދި ރޮއިރޮއި އެއްގޮތަކަށް ވެސް ހުއްޓާ ނުލެވިގެން އެންމެ ފަހުން އަނެއްކާވެސް އެ އަވަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށީ އެވެ. ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.
ކެރަލާ ސަރުކާރުގެ އިސް ވެރިން މިހާރު ބުނަނީ އެ ކުއްޖާ އަށް ފަރުވާ ދޭން ގެންދިޔަ ތިން ހޮސްޕިޓަލުން ކަންތައްތައް ކޮށްފައިވާ ގޮތް ބަލާ ތަހުގީގުކޮށް އެއްވެސް ބަޔެއްގެ އިހުމާލެއް އޮތްނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މި ކުއްޖާ ކޮވިޑް އަށް ޓެސްޓްކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓީވްކަން އެނގުނީ މަރުވި ފަހުންނެވެ. ކުއްޖާ އެންމެ ފަހުން ގެންދިޔަ މެޑިކަލް ކޮލެޖުގެ ޑޮކްޓަރުން އަދިވެސް ބުނަނީ ކުއްޖާ މަރުވީ ފައިސާ ފޮތި ކެވިގެން ނޫންކަމަށާއި ކޮންމެވެސް އެހެން ސަބަބެއް ދިމާވެގެން ކަމަށެވެ.