މިމަހުގެ ފަސް ވަނަ ދުވަހު އެމެރިކާގެ ކިންގްސް ރިވާގެ ރީޑްލޭ ބީޗުގައި ހިނގި ހާދިސާއެއްގައި ޒުވާން ފިރިހެނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ރީޑްލޭ ބީޗުގައި ކުޅެން ތިބި ތިން ކުއްޖެއް އޮޔާއެކު މޫދަށް ދަމައިގަތުމުން އެ ކުދިން ސަލާމަތް ކުރަން ފުންމާލުމުގެ ސަބަބުންނެވެ.
މަންޖީތު ސިންގް އަކީ އިންޑިޔާ މީހެކެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ އެމެރިކާގައި ދިރިއުޅެން ފަށައި އެ ގައުމުގައި ކުޑަ ވިޔަފާރިއެއް ވެސް ހިންގާ މީހެކެވެ. މި ބީޗު އޮންނަ ފްރެސްނޯ ސަރަހައްދަށް އޭނާ ބަދަލުވެ ވިޔަފާރިއެއް ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
އޭނާ ވިޔަފާރި ފެށީވެސް އޭނާ ގެނބިގެން މަރުވި ދުވަހު އެވެ. އޭނާ އެ ދުވަހުގެ ޓްރޭނިން ނިންމާފައި ޅިޔަނާއެކު ކިންގްސް ރިވާއަށް ދިޔައީ ޖެޓް ސްކީ ދުއްވާށެވެ.
އެމީހުން އެތަނަށް ދިޔައިރު ކިންގްސް ރިވާގެ ގޮނޑުދޮށުގައި އަށް އަހަރުގެ ދެ އަންހެންކުދިންނާއި 10 އަހަރުގެ ފިރިހެންކުއްޖަކު ކުޅެން ތިއްބެވެ. ކުއްލިއަކަށް އައި ރާޅަކާއެކު އެ ކޯރުގައި އަޅާފައި އޮތް ބްރިޖެއްގެ ދަށަށް އެ ތިން ކުދިން ދަމައިގަތީ އެވެ. މި ކުދިން ގެނބޭ މަންޒަރު މަންޖީތު އަށް ފެނުމާއެކު އެ ކުދިން ސަލާމަތް ކުރުމަށްޓަކައި ވަގުތުން ކޯރަށް ފުންމާލި އެވެ.
ރީޑްލޭ ޕޮލިސް ކޮމާންޑަރު މާކް އެޑިޖާ އޭބީސީ30 ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ތިން ކުދިން ސަލާމަތްކުރަން ފުންމާލި މަންޖީތު ދިޔަ ގޮތަށް ދިޔައީ އަޑިއަށް ކަމަށާއި އެންމެ ފަހަރަކު ވެސް މައްޗަށް ނާރާ ކަމަށެވެ.
"އޭނާއަކަށް އެއީ ކޮން ކުދިންނެއް ކަމެއް ވެސް ނޭނގޭ. ނަމަވެސް އެކުދިންގެ ފުރާނަ ސަލާމަތް ކޮށްދޭން އޭނާ ފުންމާލީ،" އެޑީގާ ވިދާޅުވި އެވެ.
ނަސީބަކުން އެ ވަގުތު ބީޗުގައި ތިބި އެހެން ބަޔަކު ކޯރަށް އެރިގެން ގޮސް މީގެ ތެރެއިން ދެ ކުދިން ސަލާމަތް ކުރި އެވެ. އަށް އަހަރުގެ ދެ އަންހެންކުދިންގެ ތެރެއިން އެއް ކުއްޖަކު ނެގުނީ ކޯރުގެ އަޑީގައި ގެނބިފައ އޮންނަތާ 15 ވަރަކަށް މިނިޓް ފަހުންނެވެ. މި ކުއްޖާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާ މިހާރު ވެސް އޮތީ ލައިފް ސަޕޯޓްގެ އެހީގަ އެވެ. އަދި މި ކުއްޖާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ.
މި ކުދިން ބީޗަށް އެރި އުޅުނީ އެކުދިންގެ މައިންބަފައިންނާ ވެސް އެކުގަ އެވެ. ނަމަވެސް ކުއްލިއަކަށް އައި ރާޅަކާ ދަމައިގަތުމުން މައިންބަފައިންނަށް ވެސް މި ކުދިން އެ ވަގުތު ސަލާމަތް ނުކުރެވުނީ އެވެ.