ކޮވިޑް-19 ގެ ކޭހެއް ފެނި، ޅ. ނައިފަރު މޮނިޓަރިން އަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.
ކޮވިޑް އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށު ކައުންސިލަށް ހެލްްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ވަނީ ލިޔުމުން އަަންގާފަ އެވެ. ނައިފަރުގައި ހުރި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެހެން މީހަކު އެ ރަށަށް އެރުން ވަނީ މަނާކޮށްފަ އެވެ.
ޅ. ނައިފަރުން މާލެއާއި އެ ރަށާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން މިއަދު ވަނީ ޔަގީންވެފަ އެވެ.
ނައިފަރުގެ މޮނިޓަރިންގެ ހާލަތު ނިމެންދެން އެ ރަށުގައި ހުރި ސްކޫލް، މަދްރަސަތުލް އިފްތިތާހުގައި ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ ގިނަ ދުވަސްވީ ސްކޫލް އިން ބުނި ގޮތުގައި، މޮނިޓަރިންގެ މުއްދަތުގައި ކުރިއަށް ދާނީ އޮންލައިން ކްލާސްތައް އެކަންޏެވެ.
ނައިފަރު ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު "އަވަސް" އަށް މިއަދު ވިދާޅުވީ އެ ރަށު "މެގަ އާރު" ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިޔަކު ވަރަށް ބޮޑަށް ހުން ގަދަވެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ ހޯމް ކަރަންޓީނުކޮށް ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ނެގި ކަމަށާއި އަދި އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީ އެ ފަޅުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އެންގީ މިއަދު އެވެ. ބިދޭސީ މީހާ މި ވަގުތު ހުރީ ހޯމް ކަރަންޓީނުގަ އެވެ. އެ ކޭހާ ގުޅިގެން އިތުރު މިހާކު މި ވަގުތަށް ކަރަންޓީނު ކޮށްފައި ނުވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދެ އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ގިނަވެފައިވާއިރު ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްރަށުން މާލެއަށް ދަތުރުކުރާ ދޯނި ފަހަރާއި ބޯޓު ފަހަރުގައި މަސައްކަތް ކުރާ ކެޕްޓަނުންނާއި ފަޅުވެރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.