ޓޫރިޒަމް

"ހުވަފެނަކީ ދިވެހިން އިސް މަގާމުތަކުގައި ތިބުން"

ޓޫރިޒަމް މިނިސްޓަރު ކަމަށް އަލަށް ވަޑައިގަތް، ޑރ. އަބްދުﷲ މައުސޫމްގެ އެންމެ ބޮޑު އެއް ހުވަފެންފުޅަކީ އިސް މަގާމުތަކުގައި ދިވެހިން ތިބޭނެ ދުވަހެއް އައުން ކަމަށް ވިދާޅުވެއްޖެ އެވެ.

ކްލީކް ކޮލެޖަށް އަލަށް ތައާރަފުކުރި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ޕްރޮގްރާމް އިފުތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ އިސް މަގާމުތަކުގައި ދިވެހިން ތިބޭ ތަން ދެކެ ވަޑައިގަތުމަކީ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ.

މިއީ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ މައުސޫމް ދެވަނަ ފަހަރަށް ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ވިދާޅުވި ވާހަކަ ފުޅެވެ. ޓޫރިޒަމް ސިނާއަތުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ.

މައުސޫމްއަކީ މީގެ ކުރިން ޓޫރިޒަމް ސިނާއަތަށް މީހުން ތަމްރީން ކުރުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ހޮޓެލް ސްކޫލުގައި ލެކްޗަރާއެއްގެ މަގާމުގައި ވެސް މަސައްކަތް ކުރި އެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ ވެސް މައުސޫމް އެވެ. އެނާ ތައުލީމް ހާސިމް ކުރެއްވީ ވެސް މި ދާއިރާއިންނެވެ.