ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 89 ޕަސެންޓް މަދުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި މެއި މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މެއިމަހު މި ފަންޑަށް ޖަމާވެފައިވަނީ 7.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު މި ފަންޑަށް 77.6 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 89 ޕަސެންޓް މަދުވުމެކެވެ.
ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މެއި މަހު ހަ އަތޮޅަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ. ގްރީން ފަންޑަށް އެއްވެސް ފައިސާއެއް ލިބިފައި ނުވަނީ ށ. އަތޮޅާއި މ. އަދި ފ. އަތޮޅުގެ އިތުރުން ތ. އަތޮޅު، ލ. އަތޮޅާއި ގދ. އަތޮޅުންނެވެ. އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ދެއްކީ އެންމެ ގިނަ ރިސޯޓް އަދި ގެސްޓްހައުސް ހިންގާ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖުމްލަ ތިން މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ބ. އަތޮޅުން ވަނީ 1.4 މިލިއަން ރުފިޔާ ދެއްކި އެވެ. ގއ. އަތޮޅުން ދައްކާފައިވަނީ 609,085.44ރ. އެވެ.
މި މުއްދަތުގައި މާލެ އަތޮޅު ފިޔަވައި އެންމެ ބޮޑު އަދަދެއްގެ ގްރީން ޓެކުހުގެ ގޮތުގައި ގެސްޓްހައުސްތަކުން ދައްކާފައިވަނީ ވ. އަތޮޅުންނެވެ. އެ އަތޮޅުގެ ގެސްޓްހައުސްތަކުން 29,019.18ރ. ދައްކާފައިވެ އެވެ. އަދި ރިސޯޓްތަކުން އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ މާލެ އަތޮޅުގެ ރިސޯޓްތަކުންނެވެ. މި އަތޮޅުގައި ހުރި ރިސޯޓްތަކުން ތިން މިލިއަން ރުފިޔާ ދެއްކި އެވެ.
ގްރީން ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ސަފާރީތަކުން ދައްކާފައި ވަނީ 404,664.00ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ސަފާރީތަކުން 2.3 މިލިއަން ރުފިޔާ ދެއްކި އެވެ.
ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 955 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މެއި މަހު މި ފަންޑުން 25.1 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓާލާފައިވާތީ ގްރީން ޓެކުސް ލިބުން ވަނީ ދަށްވެފަ އެވެ.