ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ބޯޑަރު ހުޅުވުމަށް މަހެއް: އައީ 3،000 އެއްހާ ޓޫރިސްޓުން

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިއަދަަށް އެއް މަސް ދުވަސްވެފައިވާއިރު، މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 3،054 ޓޫރިސްޓުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 3،054 ޓޫރިސްޓުންނެވެ. މިއަދަކީ ބޯޑަރު ހުޅުވިތާ މަހެއްވީ ދުވަހެވެ. މިހާރު ރާއްޖެއަށް އަންނަ ފްލައިޓުގެ އަދަދާއި ފްލައިޓް ބާއްވާ އަދަދަށް ބަލާއިރު 3،000 އަށް ވުރެ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވޭތުވެދިޔަ ދެ ދުވަހު އިތުރު ވެގެނެއް ނުދާނެ އެވެ.

އިމިގްރޭޝަނުން މި މަހުގެ ތިން ވަނަ ދުވަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ގިނައިން އަންނަނީ އިނގިރޭސި ވިލާތާއި އެމެރިކާ މީހުންނެވެ. ބެލެވޭ ގޮތުގައި އެ މީހުންނަކީ ޔޫއޭއީގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވަން ކައިރިވެފައި ވަނިކޮށް ގައުމީ ޔުނިވާސިޓީ އިން ދިރާސާއެއް ހެދުމަށްފަހު ބުނެފައިވަނީ މިދިޔަ މަހު އެކަނި 10،000 މީހުން އަންނާނެ ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ ބޯޑަރު ހުޅުވުމާއެކު ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ފަށާނެ ކަމަށެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައި ވެއެވެ.

އެހެން ނަމަވެސް އިގްތިސޯދީ ތަޖުރިބާކާރުންގެ ވިދާޅުވަމުން ގޮސްފައި ވަނީ އެންމެ އަވަހަށްވެސް ޓޫރިސްޓުން އަންނަން ފަށާނީ އޯގަސްޓް މަހު ނޫނީ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. އަދި އެ ވަރަށްވެސް ޓޫރިސްޓުން އަންނާނީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވޭ ގޮތަކުންނެވެ.

ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ފްލައިޓުގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. މިހާރު އެމިރޭޓްސް އާއި ގަތަރު އެއާވޭސް އަދި ޓާކިސް އެއާލައިންސް ފަދަ އެއާލައިންތަކުން ރާއްޖެއަށް އުދުހެމުންދެ އެވެ. ބޯޑަރު ހުޅުވުމާއެކު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖައްސާފައި ވަނީ 30 ޕްރައިވެޓް ޖެޓެވެ. މީގެ ތެރެއިން 10 ޖެޓު ޖައްސާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަށެވެ.

ކޮވިޑް-19 ރާއްޖޭގެ ކޮމިއުނިޓީގެ ތެރޭގައި ފެތުރެމުންދާތީ ރާއްޖޭގެ ބޯޑަރު ބަންދުކުރީ 15 މާޗް އެވެ. އަދި ބޯޑަރު ތިން މަހަށްވުރެ ގިނަ ދުވަސްފަހުން ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލި 5500 މީހުންނަށް ޖެހިފައިވެ އެވެ. އަދި ރާއްޖެއިން ރަނގަޅުވެފައިވަނީ 3،010 އެވެ. ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2540 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ބަލި 78 މީހަކަށް ޖެހުނެވެ.