ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައި ވަނީ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފެކެވެ. އެ ދުވަހު އަލިފާން ރޯވެފައި ވަނީ ވީއައިއޭގެ ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގަ އެވެ.
އަލިފާނުގެ އެ ހާދިސާގައި ހޯމަ ދުވަހު ހަވީރު އެ މީހާ ފިހި، ލިބުނު ޒަހަމްތަކަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. އެމްއޭސީއެލްގެ އެ މުވައްޒަފަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި ހަބަރު ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ އަވަސް އަށް ޔަގީން ކޮށްދީފަ އެވެ.
މިދިޔަ ހަފުތާގައި ހިނގި މި ހާދިސާގައި އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގެ ފަޔާމަނުން އެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއޭސީއެލް އިން އެ ދުވަހު ބުންޏެވެ.