ހޮޓެލް ޖެން، ރީބްރޭންޑްކޮށް "ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ" ގެ ނަމުގައި އަލުން ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޝަންގްރިއްލާ ކުންފުނިން މާލޭގައި ހިންގާ ހޮޓަލުގެ މާކެޓިން އެންޑް ޕީއާރު މެނޭޖަރު ނީނާ މުހައްމަދު އަވަސް އަށް ވިދާޅުވީ ހޮޓެލް އަލުން ހުޅުވިއިރު ގެނެވިފައިވާ އެންމެ ބޮޑު ބަދަލަކީ ރީ-ބްރޭންޑްވުން ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓްރާންސިޓް ފަސިންޖަރުންނާއި އާއްމުންނަށްވެސް ހިދުމަތް ދެވޭ ގޮތަށް މި ހުޅުވުވީ. އެކަމަކު އެޗްޕީއޭގެ މިންގަނޑުތަކާއި އަޅުގަނޑުމެން [ޝަންގްރިއްލާ] ގެ ސްޓޭންޑަޑްތައް ވެސް ފޮލޯ ކުރާނެ. ކޮންމެ 20 މިނެޓަކުން މުޅި ހޮޓަލުގެ މީހުން ބޭނުންކުރާ ހުރިހާ ސަރަހައްދެއް ޑިސް އިންފެކްޓް ކުރަމުން ގެންދާނެ. ސޯޝަލް ޑިސްޓެންސިންއަށް އަޅުގަނޑުމެންގެ ސްޓޭންޑަޑް ކަމަށްވާ 1.5 މީޓަރު ބަހައްޓައިގެން ހިދުމަތް ރާވާފައިވާނީ،" ނީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން ހުޅުވާލުމާއެކު ސަރުކާރުން ހުއްދަ ލިބުނުހާ އަވަހަކަށް އިވެންޓްތަކަށްވެސް ދޫކުރާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ބްރެކްފާސް އާއި ލަންޗް އަދި ޑިނާ ބުފޭތައް ވެސް ހުޅުވިގެންދާނެ،" ނީނާ ވިދާޅުވި އެވެ.
ޖެން މޯލްޑިވްސް މާލެ ބައި ޝަންގަރިއްލާ އަލުން ހުޅުވިއިރު، އެ ހޮޓަލުގެ އެންމެ ތިރީގައި އިންނަ "ޖެންސް ކިޗަން އޮން ދަ ގޯ" އާއި އަޒުރު ރެސްޓޯރެންޓު އަދި ސުވިމިން ޕޫލް ވެސް ވަނީ ހުޅުވާފަ އެވެ. ނަމަވެސް ސުވިމިން ޕޫލުން އެއްފަހަރާ ހިދުމަތް ހޯދޭނީ ފަސް މީހުންނަށެވެ. އެގާރަ އަހަރުން ދަށުގެ ކުދިންނަށް ސުވިމިން ޕޫލް 199ރ. އަށް ބޭނުން ކުރެވޭނެ އެވެ. އަދި ބޮޑެތި މީހުންނަށް ޗާޖް ކުރާނީ 499ރ. އެވެ. ޕޫލްގެ ހިދުމަތް ހޯދާ މީހުންނަށް ފެންވެރުމާއި ރީތިވުން އަދި ހިލޭ އިންޓަނެޓްގެ ހިދުމަތް ލިބޭނެއެވެ. އަދި "ޕޫލް ސްނެކްސް" މެނޫ އިން ކެއުންތައް ނެގޭނެ އެވެ. މީގެ އިތުރުން ރޫޕްޓޮޕް ރެސްޓޯރެންޓުން މިހާރު ހިދުމަތް ހޯދާ ފަރާތްތަކަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.