ހަބަރު

ޕްލާސްޓިކް މަދުކުރާ ޕްލޭނަށް ހިޔާލު ހޯދައިފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމަށް އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ހެދި ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ވެބިނާ އެއް ބާއްވައިފި އެވެ.

އެންވާރަމަންޓް މިނިސްޓްރީން އިއްޔެ ކުރިއަށްގެންދިޔަ މި ވެބިނާގައި އެ މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި އީޕީއޭ އަދި، "ޕްލާސްޓިކް ނޫން ގޮތެއް" ގެ ފައުންޑަރާއި "ޕާލޭ މޯލްޑިވްސް" ގެ ޑައިރެކްޓަރު ޝާހީނާ އަލީ ބައިވެރިވި އެވެ.

އިއްޔެގެ ވެބިނާގައި އާއްމުންގެ ހިޔާލު ހޯދީ ފޭސްބުކް ލައިވް މެދުވެރިކޮށް އަދި ޒޫމް އިންނެވެ. އެންވާރަމަންޓުން ބުނީ، އާއްމުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެކި ހިޔާލާއި ސުވާލުތައްވެސް ހިއްސާ ކުރި ކަމަށެވެ. ވެބިނާ އަށް ފަހު، އީމެއިލް މެދުވެރިކޮށްވެސް މި ޕްލޭނަށް ހިޔާލު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހިޔާލު ދޭން ބޭނުންވާނަމަ، [email protected] އަށް މި މަހުގެ ކުރިން އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ވެބިނާގައި ޕްލޭނާ ގުޅޭ އެކި ހިޔާލުތައް އެންވާރަމަންޓުގެ ފަރާތުންވެސް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން، މި ޕްލޭންގެ ދަށުން ރާއްޖޭގައި ރީސައިކްލީން ފެސިލިޓީ އެއް ގާއިމު ކުރެވިދާނެ ކަމާއި އެ ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރާ ޕްލާސްޓިކް ގެ ބޮޑުބައެއް ރީސައިކަލްކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ގާއިމްކުރެވިދާނެ ކަމަށް އެންވަޔަރަމަންޓްގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. އަދި، މި ފެސިލިޓީ ހަދާނީ 'ޕާލޭ މޯލްޑިވްސް' އާ ގުޅިގެން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ނިންމާފައިވާކަން އިއުލާން ކުރީ، މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ އާއްމު ބައްދަލުވުމުގެ ކްލައިމެޓް ސަމިޓުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެވެ.

ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 10 ޕަސެންޓަކީ ޕްލާސްޓިކު ކުންޏެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުންޏަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތިކަމަށް ހުރި ނުރަކައްލެކެވެ.