ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކާއި އަންހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ތ. ތިމަރަފުއްޓާއި އައްޑޫސިޓީ ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި، 29 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
މި ދެ މީހުންގެ ތެރެއިން ކުޑަ ފިރިހެން ކުއްޖާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އައްޑޫންނެވެ. އެ ކުއްޖާ ދިރިއުޅުނު ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކެއް ފެނުނެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ނުވަ ފުޅި ފެނިފައި ވެއެވެ.
އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުގައި މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ އަންހެން މީހާ ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޗާޖަރެއްގެ ތެރެއިން މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނުނެވެ.