ޓެލެކިލާސްތައް ކިޔަވައިދޭ ޓީޗަރުންނަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ކުރާ ފުރައްސާރަ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ ސްކޫލްތަައް އަނެއްކާވެސް ބަންދުކޮށްފައިވާއިރު ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ދަނީ ޓެލެކިލާސްތައް ބާއްވަމުންނެވެ. މި ކްލާސްތައް ނަގައިދޭ ގޮތަށް މަލާމާތް ރައްދުވާހެން މިދިޔަ ހަފްތާގައި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ވީޑިއޯގައި ފެންނަނީ ގްރޭޑް ތިނެއްގެ ދަރިވަރުންގެ ކްލާހެއް ނަގައިދޭ ދެ ޓީޗަރަކު ކިޔަވައިދޭ ވަގުތު ފޯނުން ރެކޯޑުކޮށް ކިޔަވައިދޭ ގޮތަށް މަލާމާތްކޮށް ހީފައިވާ މަންޒަރެވެ. އިތުރު ވީޑިިއޯއެއްގައިވެސް ޓީޗަރުން ކިޔަވައިދޭ ގޮތަށް ފާޑުކިޔާ ޝެއާ ކޮށްފައި ހުއްޓެވެ.
މި ވިޑިއޯތަކާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ރައްދު ދީފަ އެވެ. ޓީޗަރުން ބުނާ ގޮތުގައިި، އެތައް މަހެއް ވަންދެން އޮންލައިންކޮށް ކިޔަވައިދިނުމަކީ އެއްވެސް ޓީޗަރަކު ހީކޮށްގެން ހުރި ކަމެއް ނޫނެވެ. އޮންލައިން ކްލާސްތަކަކީ ޓީޗަރުންނަށާއި ދަރިވަރުންނަށްވެސް ފަސޭހަކަމަކަށް ނުވާއިރު މިފަދަ ގޮތްގޮތަށް ޓީޗަރުން ބަދުނާމުވާހެން ވީޑިއޯތައް ޝެއާ ކުރުމަކީ މޮޅު ކަމެއް ނޫނެވެ.
މި މައްސަލަ ބޮޑުވެ، ރާއްޖޭގެ ޓީޗަރުން ތަމްސީލު ކުރާ ޓީޗަރުންގެ ޖަމިއްޔާ އިން ބުނީ މިފަދަ ނާޒުކު ހާލަތެއްގައި ޓީޗަރުންގެ އަގު ވައްޓަން މަސައްކަތް ކުރުން ކުއްވެރި ކުރާ ކަމަށެވެ. އަވަސް އާ ވާހަކަ ދައްކަމުން ޓީޗާސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް، އަލީ ނާޒިމް ވިދާޅުވީ، ބައެއް ޓީޗަރުން ޓެލެކިލާސްތައް ހިންގަން މަސައްކަތް ކުރަނީ ވަރަށް ބުރަކޮށް ކަމަށެވެ. ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރާއިރު ބަޔަކު މިފަދަ ވީޑިއޯތަކެއް ލުމަކީ ނާތަހުޒީބު ކަމެއް ކަމަށެވެ.
"ނާޒުކު ދަނޑިވަޅެއްގައި އެންމެން މަސައްކަތް ކުރާއިރު މިފަދަ އަމަލުތައް ކުށްވެރި ކުރަން. ބައެއް ޓީޗަރުން އަމިއްލަ ޖީބުން ހަރަދުކޮށްގެންވެސް ހުންނާނެ މަސައްކަތް ކޮށްފައި. ކޮންމެ ޓީޗަރެއްގެ އަތުގައި ނޯވެދާނެ އެންމެ މޮޅު ފޯނާއި ވީޑިއޯ ކުރެވޭނެ ގޮތެއް. އެމީހުންގެ މަސައްކަތްތަކަށް މަލާމާތްކޮށް ޖޯކު ޖެހުމަކީ ދެރަ ކަމެއް" ޓީޗާސް އެސޯސިއޭޝަންގެ އެސްޖީ ވިދާޅުވި އެވެ.
އަވަސް އާ ވާހަކަދެއްކި މާލެ ސްކޫލެއްގެ ޓީޗަރަކު ބުނީ، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ އެތައް އަހަރު ވެފައިވާއިރު، ސޯޝަލް މީޑިއާގައި އެކަހަލަ ގޮތަކަށް ދިމާކުރުމުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ޓީޗަރުންނަށް ކުރި އިހުތިރާމް މިހާރު ނުދޭ ކަމަށްވެސް ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދަރިވަރުންގެ ކުލާސްތައް ނަގައި ދިނުމަށް ބައެއް ޓީޗަރުން ސްކޫލަށް ގޮސް މަސައްކަތް ކުރެ އެވެ. އަދި، ޓެސްޓަށް ތައްޔާރު ކުރުމަށް ރިވިޝަން ކްލާހާއި އިތުރު ގަޑިތައްވެސް ދަނީ ނަގަމުންނެވެ.
ކޮވިޑް ފެތުރި ރާއްޖޭގެ ސްކޫލްތައް ބަންދުކުރިތާ ތިން މަސްފަހުން އަލުން ހުޅުވާލީ ޖޫން މަހު އެކެއްގަ އެވެ. އެއަށްފަހު ކޮވިޑްގެ ހާލަތު މާލެސިޓީގައި ގޯސްވެ އީދު ބަންދަށް ފަހު ސްކޫލްތަކުގައި ކިޔަވައި ނުދެ އެވެ.