މިދިޔަ ހުކުރު ދުވަހު ރާއްޖެއިން މެލޭޝިއާއަށް ދިޔަ ދިވެހި 50 ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވި ދިވެހި ދަރިވަރަކީ އައިސޮލޭޝަން މުއްދަތު ހަމަވި ފަހުން ޕޮޒިޓިވްވި ކުއްޖެއް ކަމަށް އެޗްއީއޯސީން ބުނެފި އެެވެ.
އެޗްއީއޯސީން މިއަދު ބުނީ، ރާއްޖޭން މެލޭޝިއާއަށް ދިޔަ ދަރިވަރު ޕޮޒިޓިވްވީ މެދުފުށި ފެސިލިޓީގައި އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކޮށް މި މަހު 21 ވަނަ ދުވަހު ޑިސްޗާޖް ކޮށްފައި ވަނިކޮށެވެ. އޭނާ މެލޭޝިއާ އަށް ދަތުރު ކުރީ ވެސް އެ ދުވަހު އެވެ.
ދިވެހި 50 ދަރިވަރަކު ހުކުރު ދުވަހު މެލޭޝިއާއަށް ދަތުރުކުރީ އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓަކުންނެވެ. މި ދަތުރުުގެ ޓިކެޓަށް ހަރަދުކުރީ ދަރިވަރުން އަމިއްލަ އަށެވެ.
މިދިޔަ ހުކުރު ދުވަހު މެލޭޝިއާއަށް ދަތުރުކުރި މީހުންގެ ތެރެއިން 416 މީހަކު ޕޮޒިޓިވްވި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން، އެކަކީ ދިވެއްސެކެވެ. މެލޭޝިއާގެ ޕޮޒިޓިވް ކޭސްތައް 9000 އަށް ވުރެ މަތީގައި ވާއިރު އޭގެ ތެރެއިން 8،959 މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން އެ ގައުމުން މިހާތަނަށް 125 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ 6779 ކޭސް ރެކޯޑްކޮށްފައިވާއިރު މި ބަލިން 4222 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 26 މީހަކު މަރުުވެފައި ވެއެވެ.