ހަބަރު

ލޯންޗްގައި އެއްޗެއް ގޮއްވާލުން: އިދިކޮޅު ފަރާތްތަކުގެ ތުހުމަތު ނައިބު ރައީސަށް

  • އެކަން ކުރާނީ ސަރުކާރުގެ ތެރެއިން ބަޔަކު
  • ސީޕީ މަގާމުން ދުރުކޮށްގެން ނޫނީ ރަނގަޅު ތަހުގީގެއް ނުކުރެވޭނެ
  • ނައިބު ރައީސްގެ ނުފޫޒު ސަރުކާރުން ކުޑަކުރަން ޖެހޭ

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ދަތުރު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލީ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފި އެވެ.

އެމްޑީޕީ އިން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފްގެ ވާހަކަފުޅުތަކުން އިދިކޮޅު ސިޔާސީ ފަރާތަކުން އެފަދަ ކަމެއް ނުކުރާނެ ކަން ހާމަވާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތަކުން އެފަދަ ކަމެއް ނުކުރާ ނަމަ، އެކަން ދެން ކުރާނީ ސަރުކާރުގެ ތެރޭގައި އާރާއި ބާރު ހުރި ފަރާތްތަކުން ކަން ހާމަވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ކަންތައްތައް ހިނގާފައިވާ ގޮތާއި މިހާރު ތަހުގީގުގައި ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަން ކުރާނެ ފަރާތަކީ ނައިބު ރައީސް އަދީބު ކަމަށް މަހުލޫފް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑަށް ހަމަ ބުނެލަން ކެރޭ މީހަކު ކުރިކަމެއް ކަމަށްވާނަމަ އެކަން ކޮށްފައި އޮންނާނީ މިހާރުގެ ނައިބު ރައީސް އަދީބު. އަޅުގަނޑު އުފާވާ ކަމަކީ ކުޑަކޮށް ނަމަވެސް ރައީސްއަށް މިއަދު ރެއަކާ ލައިފިއޭ. ކުޑަކޮށް ނަމަވެސް ރައީސްގެ ލޯ ހުޅުވިލައިފިއޭ މިއަދު،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފް އެގޮތަށް ތުހުމަތު ކުރެއްވި ނަމަވެސް، މިދިޔަ ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބު ވިދާޅުވީ ސިޔާސީ ކޮންމެ ކަމެއްގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވާ ކަމަށެވެ. އަދި އެފަދަ އަސްލެއް ނެތް ވާހަކަތަކުން ރައީސް އާއި ދެމެދު އޮތް ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށާއި ހުންނެވީ އިހުލާސްތެރިކަމާ އެކުގައި ކަމަށް އަދީބު ވިދާޅުވި އެވެ. ރައީސް ވަޑައިގެންނެވި ދުވަހު އިސްތިގުބާލު ކުރަން ނުދެވުނު މައްސަލައިގައި އަމާޒު ކުރާ ފާޑު ކިޔުންތަކަށް އަދީބު ވިދާޅުވީ އެތަނަށް ނުދެވުނީ ބަލިވެ އުޅުއްވުމުން ކަމަށާއި އެކަމާ މެދު އުމުރަށް ހިތާމަ ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް މަހުލޫފް ވިދާޅުވީ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގިގު ކުރާ ނަމަ އަދީބުގެ ނުފޫޒު ސަރުކާރުން ކުޑަކުރަން ޖެހެ އެވެ. މަހުލޫފް ވިދާޅުވި ގޮތުގައި ނައިބު ރައީސްގެ ގާތްގުޅުމެއް ބާއްވަވާ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު މަގާމުން ވަކިކޮށްގެން ނޫނީ އެ މައްސަލައިގެ ހަގީގަތާ ހަމަޔަކަށް ނުދެވޭނެ އެވެ. އަދި އިންސާފުވެރި ދެ ފުށްފެންނަ ތަހުގީގެއް ކުރުމަށް ލާހިކު ކުޅަދާނައެއް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"މިއީ މަނިކުފާނަށް ހެޔޮ ހިތުން އަޅުގަނޑު ދަންނަވާ ވާހަކައެއް. ރައީސްއަށް ތި ލިބުނު އަނިޔާއަށް ހަމްދަރުދީ ވާތީ އަޅުގަނޑު މިވާހަކަ މި ދައްކަނީ. ހަގީގަތް އިނގެން ބޭނުން ނަމަ ހުސެން ވަހީދު އެ މަގާމުގައި ބަހައްޓައިގެން އެކަމެއް ނުވާނެ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފްގެ އިތުރަށް އެ ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުން ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކަން ނުކުރާ ނަމަ، ދެން އެފަދަ ކަމެއް ކުރެވޭނީ ސަރުކާރުގެ ތެރޭގައި ހުރި ނުފޫޒު ގަދަ ބޭފުޅަކަށް ކަމަށެވެ.

ތަހުގީގު ޓީމާ ހަވާލާދީ ސަރުކާރުން ޔަގީންކޮށް ދީފައިވާ ގޮތުގައި ލޯންޗްގައި އެއްޗެއް ގޮވުމުގެ ހާދިސާއަކީ ބަޔަކު ރާވައިގެން ގަސްތުގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ އެކެވެ. އަދި އެ މައްސަލައިގައި ބަޑި ގުދަނަށް އެކްސެސް އޮންނަ ސިފައިންގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރަށް ބަޑި ގުދަނުގެ އިންޗާޖް ވެސް މަގާމުން ވަނީ ދުރުކޮށްފަ އެވެ.