ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ފުލުހުން ބަލަން ފެށުމާއި ގުޅިގެންނެވެ.
އިދިކޮޅު މިވަގުތު ލީޑު ކުރައްވަނީ އަބްދުއްރަހީމެވެ. އަބްދުއްރަހީމް ވިދާޅުވީ ކިތަންމެ އިންޒާރެއް ދިން ނަމަވެސް ދިވެހިން ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ ކަމަށެވެ. އަދި ދީން ދިފާއުކޮށް މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ.
ދިވެހިން ތިބީ ގައުމު އަޅުވެތި ކުރުމަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތާމެދު އަޅާނުލާ ބަލަން ތިބޭ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ. ދީން ދިފާއު ކުރާނެ. މިނިވަންކަން ދަމަހައްޓާނެ. ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރާނެ. ގައުމު އަޅުވެރި ކުރާތަން ބަލާކަށް ދިވެހިން ނުތިބޭނެއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް
ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވަރަށް ގިނަ އަދަދެއްގެ މީހުންނާއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.