ހުޅުމާލެ

ހުޅުމާލޭ ފިތުރޯނު ގަސްތަކުން ބައެއް ގަސް ނަގަނީ

މާލޭ ސިޓީގެ، ހުޅުމާލޭ މަގުތަކުގެ ދެ ފަރާތުގައި ހައްދާފައިވާ ފިތުރޯނުގަސްތަކުގެ ތެރެއިން ބައެއް ގަސްތައް ނަގަން އެޗްޑީސީ އިން ނިންމައިފި އެވެ.

ޔޫތު ސިޓީގެ ގޮތުގައި ތަރައްގީ ކުރި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ އުތުރުގައި އެކީ އެކައްޗަކަށް ހައްދާފައިވާ މި ގަސްތަކަކީ ހުޅުމާލެ އެންމެ ބޮޑަށް ފެހިކޮށްދޭ ގަސްތަކެވެ. ހުޅުމާލެއަށް ފުރަތަމަ މީހުން ބަދަލުވާން ފެށިއިރުން ފަށައިގެން އެ ގަސްތައް ހިމެނޭ ސަރަހައްދަކީ ފޮޓޯ ނަގަން މަގުބޫލު ސަރަހައްދެކެވެ.

އެޗްޑީސީން މިއަދު ބުނީ، މި ގަސްތައް ހެދި ބޮޑުވުމުގެ ސަބަބުން އެ ހިސާބުގެ މަގުތަކަށް ގެއްލުންވާ ކަމަށެވެ. ގަހުގެ ފަތްތަކުން މަގުތަކުގެ ޑްރެއިނޭޖް ސިސްޓަމް ބްލޮކްވެ މަގުތައް ބަލަހައްޓަން ވެސް އުނދަގޫވާ ކަމަށެވެ.

ހުޅުމާލޭގެ އަތިރިމައްޗަށްވާ ހިސާބުން މި ގަސްތައް އެންމެ ކުރިން އިންދީ ރަށްގިރުން ހުއްޓުވުމަށް ކަމަށާއި މިހާރު ދުވަސްވެ ގަސްތަކުގެ ސަބަބުން މަގުތަކުގެ މެއިންޓެނަންސް މަސައްކަތަށް ބުރޫ އަރާތީ އަންނަ ހަފުތާއިން ފެށިގެން ބައެއް ގަސްތައް ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ތާރު މަގުތަކަށް ގެއްލުން ލިބޭކަން އެނގޭ ގޮތަށް، ގަސްތަކުގެ މޫތައް ފައިބައިފާ ހުރި މަންޒަރު ފެންނަހެން ފޮޓޯތަކެއް ވެސް އެޗްޑީސީން ވަނީ ޓްވީޓުކޮށްފަ އެވެ.

އަދި ނަގާނީ ބައެއް ގަސްތައް ކަަމަށާއި ދެން ހުުރި ގަސްތަކުން މަރުވެފައި ހުރި ކުރިތައް ބުރި ކުރާނެ ކަމަށެވެ. އަދި، ނަގާ ގަސްތައް އެހެން ސަރަހައްދެއްގައި އިންދަން ނޫނީ އެ ގަހުން އެހެން ބޭނުމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ރިމޫވް ކުރާ ގަސްތައް ރީޕާޕޮސް ކޮށް ނޫނީ ރީލޮކޭޓް ކުރާނެ. އަދި އެ ހިސާބުގައި ހިޔާ ލިބޭ އެހެން ގަސްތަކެއް ޖަހާނެ" އެޗްޑީސީގެ ޓްވީޓުގައިވެ އެވެ.

ހުޅުމާލޭގެ ތަރައްގީއާ ހަވާލުވެ އޮތް އެޗްޑީސީގެ މި ނިންމުމުން، ބައެއް އާއްމުން ދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ސްމާޓް ސިޓީ އެއްގެ ގޮތުގައި ބޮޑެތި ޕްލޭންތަކާއެކު ތަރައްގީ ކުރި ތަނަކަށް މިކަހަލަ ބަދަލުތަކެއް ގެންނާކަށް ނުޖެހޭނެ އެވެ.