ހަބަރު

ވަޒީރުންނާއި މެންބަރުންގެ ބަސް: ސެކިއުރިޓީ އާއި ޑިފެންސް މިނިސްޓަރު ފެއިލްވި

  • ސެކިއުރިޓީ އޮތީ ދޯދިޔާކޮށް
  • ޑިފެންސް މިނިސްޓަރުގެ އިހުމާލު އެބަ އޮތް
  • މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް 241 ކޮމިޓީ އިން ފިޔަވަޅު އަޅާނެ

ރައީސް އަބްދުﷲ ޔާމީންގެ ސެކިއުރިޓީގެ ކަންކަން އިންތިޒާމް ކޮށްފައި ހުރި ގޮތާއި އެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އަމަލު ކުރެއްވި ގޮތާ މެދު ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެ ނުރައްކާތެރި ހާދިސާގެ ވަގުތު ރައީސްގެ އަރިހުގައި ލޯންޗްގައި ހުންނެވި ފިޝަރިޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އިން އެވަގުތު އަމަލު ކުރެއްވި ގޮތުން ރައީސްގެ ފުރާނަފުޅަށް އޮތީ ވަރަށް ބޮޑަށް ނުރައްކާވާ ދަރަޖައެއްގަ އެވެ. ވަރުގަދަ ގޮވުމެއް ގޮވުމުން ވެސް ރައީސް ހިމާޔަތް ކުރައްވަން ސެކިއުރިޓީ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގޮސްފައި ނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްއަށް ސިއްހީ ފަރުވާ ދިނުމަށާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ސިފައިން އަޅާފައެއް ނުވެ އެވެ. އެދުވަހުގެ ސެކިއުރިޓީ ޗައިނީ ސިފަކުރެއްވީ ވަރަށް ދޯދިޔާކޮށް އޮތް ރައީސްއަށް ހިމާޔަތް ނުލިބޭ ސެކިއުރިޓީއެއްގެ ގޮތުގަ އެވެ.

"ދައުލަތުގެ އެންމެ މަތީ ވެރިޔާ ދަތުރުކުރައްވާ އިރު ހުންނަން ޖެހޭ ކިތަންމެ ކަމެއް ނެތް. އެއީ ކަމެއް ވެދާނެ ކަމަށް ވެސް އެމްބިއުލާންސް ވެސް އަދި އެހެން ވެސް ސެކިއުރިޓީގެ ގޮތުން ފުރިހަމަވެފައި ހުންނަން ޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ނެތް،" ޝައިނީ ވިދާޅުވި އެވެ. "ސިފައިންގެ ކުރިމަތި، ފުލުސް އޮފީސް ކުރިމަތީގައި އެފަދަ ކަމެއްވިއިރު އެތަނުން ފެންނަން ޖެހޭ އަދަދަށް މީހުންނެއް ނުފެނޭ. މުޅި ތަން ކޯޑްން ކުރަން ޖެހޭ އިރު ވެސް އެ ބޭފުޅުންނަށް އެކަން ކުރެވުނު ތަނެއް ނުފެނޭ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރައީސް ދަތުރު ކުރައްވާ ލޯންޗްކޮޅުގެ ކަންކަން ވެސް ހުރީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އަދި އެހެން ލޯންޗަކަށް ރައީސް ބަދަލު ކުރުމުގެ ކަންކަން ވެސް ލަސްވި ކަމަށް ޝައިނީ ވިދާޅުވި އެވެ. ރައީސްގެ ލޯންޗްގެ ފަޅުވެރިންނަށް ބޭރު ބަޔަކީ ތިބުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ.

ރޭ ހަމަ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ސިފައިންގެ ސެކިއުރިޓީ އެކީގައި އެދުވަހު ފެއިލްވި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެދުވަހު ރައީސްގެ ފުރާނަފުޅަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވި އިރު ވެސް ސެކިއުރިޓީ އިން ރައީސް ހިމާޔަތް ކުރުމަށް އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުނުތަނެއް ނުފެނުނެވެ. ކެބިނެޓަށް ރައީސް ދެއްވި ބައެއް މައުލޫމާތުތަކަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ އެފަދަ ހަމަލާއެއް ރައީސްގެ ސެކިއުރިޓީގެ ބަޔަކާ ނުގުޅި ދެވޭނެ ކަމަކަށް މިނިސްޓަރަށް ގަބޫލެއް ނުކުރެވެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ ލޯންޗްކޮޅުގައި އެއްވެސް ޒާތެއްގެ ހަމަލާއެއް އަދި އެއްޗެއް ގޮވުމަކީ މުޅި ގައުމުގެ މަސްލަހަތަށް އަސަރު ކުރާނެ ކަމެކެވެ. އެއީ ގައުމުގެ ސަލާމަތާ ރައްކާތެރި ކަމުގައި ބޮޑެތި ސުވާލުތަކެއް ކުރިމަތިވާ ކަމެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ހާދިސާ ހިނގުމަށް ފަހު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނާއި ފުލުހުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެހާލަތުގައި ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ލިބިފައި ނުވޭ. އަދި އެ ސަރަހައްދުގައި ހަރާކާތްތެރިވަމުންދިޔަ ފުލުހުން އެފަދަ ހާލަތެއްގައި "ރިއެކްޓް" ކުރަންޖެހޭ ގޮތަށް ރިއެކްޓް ކޮށްފައެއް ވެސް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލައިގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރައީސްގެ ސެކިއުރިޓީގެ ބޮޑެތި ބާގަނޑުތަކެއް ފާހަގަވި ކަމަށެވެ. އަދި އެ ދުވަހު ރައީސްގެ ސެކިއުރިޓީ އިން އަމަލު ކުރި ގޮތާއި އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އިސްވެ ހުންނަވައި ސިފައިން ގެއިން އެދުވަހު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ނިހާން ވިދާޅުވި އެވެ. ގައުމެއްގެ ރައީސްގެ ސެކިއުރިޓީ އަކީ އެންމެ ވަރުގަދަޔަށް އޮންނަް ޖެހޭ ސެކިއުރިޓީކަން ފާހަގަ ކުރައްވަމުން ނިހާން ވިދާޅުވީ، އެކަމުގައި އިހުމާލުވީ ފަރާތްތަކެއް ބަލައި އެކަން އިތުރަށް ތަކުރާރުނުވާނެ ގޮތްތަކަށް ފިޔަވަޅުތައް އަޅަން މަޖިލީހުގެ 241 ކޮމިޓީ އިން މަސައްކަތް ކުރާނެ އެވެ.

އެ ދުވަހު ސެކިއުރިޓީ އިން އަމަލު ކުރިގޮތުން އާންމުންގެ ފަރާތުން ވެސް ސިފައިންނަށް ވަނީ އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގައުމެއްގައި އެންމެ މަތީ ސެކިއުރިޓީ އެއް އޮންނަން ޖެހެނީ ރައީސް އަކަށެވެ. އެހެން ނަމަވެސް އެދުވަހު މަންޒަރު ފެނުނީ އެހެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސައީދުވެސް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ވަރުގަދަވާން ޖެހެނީ ގައުމުގެ ސަލާމަތަށްޓަކަ އެވެ. ރައީސްއަށް އެކަށީގެންވާ ރައްކާތެރިކަމެއް ނުދެވޭ ނަމަ ގައުމުގެ އެހެން ރައްޔިތަކަށް ވެސް ރައްކާތެރިކަމެއް އޮންނާެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މުޅި ގައުމުގެ ހައްގުގައި ރައީސްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.