ހަބަރު

އީސީގެ އިންޒާރު: އެމްޑީޕީ އަށް ފިޔަވަޅު އަޅަން ޖެހިދާނެ

  • ސިޔާސީ ޕާޓީތައް މަގަށް އެޅުވުމަކީ އިލެކްޝަންސްގެ ގާނޫނީ ޒިންމާއެއް
  • ކޮންމެ ޕާޓީއެއް ވިޔަސް ފިޔަވަޅު އަޅަން ފަހަކަށް ނުޖެހޭނެ
  • އެމްޑީޕީ އިން ބުނަނީ އިސީ ވަނީ ސަރުކާރުގެ ދަށުވެފައި ކަމަށް

ތަކުރާރުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވަމުން ދާނަމަ އެމްޑީޕީއަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީއަށް މިއަދު އިންޒާރު ދީފި އެވެ.

އީސީ އިން އެގޮތަށް ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭރުގެ ގައުމުތަކަށް ގޮވާލަން އެމްޑީޕީން ގަރާރެއް ފާސްކުރުމާއި ގުޅިގެން، އެ ގަރާރު އުވާލަން އެ ކޮމިޝަނުން އެންގި އެންގުމަށް އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު މުހައްމަދު އަކްރަމް މިއަދު ވިދާޅުވީ، ކޮމިޝަނުގެ އެންގުމަށް ގޮންޖަހައި އެމްޑީޕީން އަޑު އުފުލާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އީސީ ކަމަށާއި، ގާނޫނާއި ހިލާފު އަމަލެއް ޕާޓީއަކުން ކުރާނަމަ އެކަން އެ ޕާޓީއަކަށް ހަނދާންކޮށްދީ، ހުއްޓުވުމަކީ އެ ކޮމިޝަނަށް ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ވަކި ސިޔާސީ ޕާޓީއަކަށް މަންފާއެއް ވާގޮތަށް ބަސްކިޔާ ތަނެއް ނޫން ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން ވިޔަސް ހެދިފައިވާ ގާނޫނުތަކުގެ ބޭރުން އަމަލުކުރާނަމަ، އެކަމަށް ބަސް ބުނެ ފިޔަވަޅު އަޅާނެ ކަމަށް އަކުރަމް ވިދާޅުވި އެވެ.

".. އެމްޑީޕީއަށް ވެގެނެއް ނޫން އެ ގަރާރުގައި ހުރި ކަންކަން ހުއްޓާލާން އެންގީ. އެ ކުރަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ، ގާނޫނާއި ހިލާފު އަމަލަކަށް ވާތީ. ރާއްޖޭގައި ހަމަނުޖެހުން އުފެދޭނެ ގޮތަށް ކަންކަން ރާވައި، ރާއްޖެއަށް ދެރަ ލިބޭ ގޮތަށް ކަންތައް ކުރުމަކީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާއާއި ހިލާފު ވުން،" ކުރިން އެމްޑީޕީގެ އިސް މަގާމެއް ވެސް ފުރުއްވާފައިވާ އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަންކަން:

  • ދީނުގެ އަސްލަކާއި ހިލާފުވުން
  • ޓެރަރިޒަމަށް ވާގިދޭ އަމަލެއް ހިންގުން
  • ހަރުކަށި އަމަލު ހިންގުމަށް ގޮވާލުމާއި، އެކަމަށް ހިތްވަރުދިނުން
  • ބިރުވެރިކަން އުފެއްދުން
  • ގާނޫނު އަސާސީއާ ހިލާފު އަމަލެއް ހިންގުން
  • ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރިމަތިވެދާނެ ފަދަ ޖާސީސީ ހަރަކާތް ހިންގުން

އަކްރަމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ވީކް ފާހަގަކުރަން ދައުލަތުގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އެމްޑީޕީން ބުނި ބުނުމަކީ ސީދާ އެނގި ތިބި އޮޅުވާލި "އޮޅުވާލުމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ވީކް ފާހަގަކުރަން 1.6 މިލިއަން ރުފިޔާ ހަރަދުވާކަން ޕާޓީތަކަށް އަންގާފައިވެ އެވެ. އަދި އެކަމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރީ 480،000ރ ކަންވެސް ޕާޓީތަކަށް އަންގާފައިވާނެ އެވެ.

"ޑިމޮކްރަސީ ކަންތަކުގަ ސިޔާސީ ޕާޓީތަކާއި ބައްދަލުކުރި ދެފަހަރެއްގެ މަތިން. އެއްބާރުލުން ލިބުނީ އަދާލަތާއި ޑީއާރުޕީ އާއި އެމްޑީއޭ އިން. އެމްޑީޕީން ދިޔައީ އަބަދުވެސް ޝަރުތުތަކެއް މެދުވެރިކޮށް ޑިމޮކްރަސީ ވީކްގައި ބައިވެރި ނުވާނެ ކަމަށް ބުނަމުން. ވިދާޅުވަމުން ގެންދިޔައީ މިވެނި ކަމެއް ކޮށްދިނީމައޭ ބައިވެރި ވެވޭނީ. އެކަމަކު މިހާރު އެބޭފުޅުން އެ ވިދާޅުވަނީ 1.6 މިލިއަން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކަމަށް. އެއީ ކަންޑައެޅިގެން އޮޅުވާލި ބޮޑު އޮޅުވާލުމެއް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޒިންމާތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއި، ގާނޫނުތަކުން ޕާޓީތަކާ ކޮމިޝަނަށް ލިބިދީފައިވާ ހައްގުތައް ދަސްކުރަން އެމްޑީޕީގެ އެހީއަށް އެދޭފަދަ ނިކަމެތިކަމެއް އަދި އެ ކޮމިޝަނަށް ނުލިބޭ ކަމަށެވެ.
އަދި ވިދާޅުވީ އެއްވެސް ޕާޓީއަކުން ގާނޫނާއި ހިލާފުކަމެއް ކޮށް، އެ ކަމެއްގެ މަތީގައި ހިފަހައްޓަން މަސައްކަތް ކުރާނަމަ އެކަށީގެންވާ ފިޔަވަޅު ވެސް ކޮމިޝަނުން އަޅާނެ ކަމަށެވެ.

".. އެމްޑީޕީ ވިޔަސް، އެހެން ޕާޓީ އަކަސް، ގާނޫނާއި ހިލާފަށް އަމަލުކުރާނަމަ އިލެކްޝަނުން ފިޔަވަޅު އަޅާނެ. ފިޔަވަޅު އަޅާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް. މީގެ ކުރިންވެސް ގާނޫނާއި ހިލާފު އަމަލެއްގައި އެމްޑީޕީއާއި އަދާލަތު ޖޫރިމަނާ ކުރި ދެއްތޮ. މި މަސައްކަތް ކުރަނީ އަބަދު އިލޮށިފަތިން ތަޅާކަށް ނޫން. ރީތި މަގުން ހިނގާނެ ގޮތް ދަސްކޮށްދެވޭތޯ،" އަކްރަމް ވިދާޅުވި އެވެ.

ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލާ އެމްޑީޕީ އިން ފާސްކުރި ގަރާރު ބާތިލްކަމަށް އިލެކްޝަންސް އިން އެންގުމާ ގުޅިގެން އެ ޕާޓީ އިން ބުނީ އިލެކްޝަންސް ވަނީ ސަރުކާރުގެ ދަށުވެ ސިޔާސީ ވެފައި ކަމަށެވެ. އަދި އެ ކޮމިޝަނުން ނެރޭ ބަޔާން ތަކަކީ ވަރަށް ބޮޑަށް ސިޔާސީވެ، ޕާޓީތަކަށް ބިރު ދައްކަމުން އަންނަ ކޮމިޝަނެއްގެ ގޮތުގައި އެމްޑީޕީ އިން ވަނީ ސިފަކޮށްފަ އެވެ.