ކޮވިޑް-19 އާ ގުޅިގެން "ބަންދު" ގައި ޓޫރިޒަމް އޮތުމަށް ފަހު ޖުލައި މަހު ހުޅުވީ ވަރަށް އުންމީދާ އެކުގަ އެވެ. އެކަަމަކު އުންމީދު ކުރި ގޮތަކަށް އެއްވެސް ކަމެއް ނުދިޔަ އެވެ. އެކަށީގެންވާ އަދަދަކަށް ޓޫރިސްޓުންނެން ނާދެ އެވެ. އެއް ސަބަބަކީ ދުނިޔެ އޮތް ގޮތެވެ. ދުނިޔޭގައި ކޮވިޑް-19 އިގެ ބަލި މިހާރު ދައްކާ ގޮތެވެ. ދުނިޔެ ހުޅުވެމުން ދާ ގޮތެވެ. ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރިގަތް މިންވަރެވެ. ރިސޯޓްތައް ފިޔަވަހި ތަކަށް ބަލާލައިގެން ހުޅުވަމުންދަނީ ވެސް އެހެންވެ އެވެ. މި ކަމުގައި ވެސް ސަރުކާރުގެ ސިޔާސަތެއް ނެތްއިރު، މިހާތަނަށް ހުޅުވާފައިވަނީ ފަސްދޮޅަހަކަށް ރިސޯޓެވެ.
ގިނަ ރިސޯޓުތައް ނުހުޅުވި ނަމަވެސް އެ ތަންތަން އިސްތިހާރު ކުރުމުގެ މަސައްކަތް އެމީހުން ހުއްޓައެއް ނުލަ އެވެ. އެންމެ ފުކެއްވެސް ދުލެއް ނުދެ އެވެ. އެހެން ނަމަވެސް ސަރުކާރުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރްސީ ފެންނަނީ މި ހާލަތުގައި މާ ބޮޑުކަމެއް ނުކޮށް އޮންނަ ތަނެވެ. "ވިޒިޓް މޯލްޑިވްސް" އިސްތިހާރު ކުރަން ރާއްޖޭން ކުރަނީ ކޮންކަމެއް ހެއްޔެވެ؟
"ގަބޫލު ނުކުރެވޭ މި ހާލަތުގައި ރާއްޖޭގެ ބްރޭންޑް އިސްތިހާރު ކުރަން މަސައްކަތް ކުރެވޭ ކަމަކަށް. އެ ތަނެއް ނުއެއް ފެނޭ. މިއީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ވަގުތު. މިހާރު މަސައްކަތް ކޮށްގެން އަންނަ އަހަރުގެ ކުރީކޮޅު ނަތީޖާ ފެންނާނީ،" ރާއްޖޭގެ ޓްރެވަލް ކުންފުންޏެއްގެ ވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ރަނގަޅު ކަމެއް ކުރާތަނެއް ނުފެނޭ
ރާއްޖެ ޕްރޮމޯޓް ކުރުމުގެ ފުރިހަމަ ޒިންމާ މަތިކޮށްފައި އޮންނަނީ އެމްއެމްޕީއާރްސީއާ އެވެ. ޓޫރިޒަމް މިނިސްޓްރީއަކީ މިހާރުގެ ގޮތުން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކަމެއް ކުރާ ތަނެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަނީ އެމްއެމްޕީއާރްސީއަށް ރާއްޖެ މާކެޓް ކުރުމުގައި މާބޮޑު މަސައްކަތް ތަކެއް ނުކުރެވޭ ތަނެވެ.
ރާއްޖެ ލޮކްޑައުން ކުރި ފަހުން އެ ކުންފުނިން މިހާތަނަށް "ވައިގައި" ހިފޭ ގޮތަށް ރޭވުނުނީ ވެސް "މޯލްޑިވްސް ސަން ވިލް ޝައިން އެގެއިން" އިވެންޓެވެ. އެ އިވެންޓު ވެސް ކުރިއަށް ގެންގޮސްފައި ވަނީ ފޭސްބުކްގަ އެވެ. އެހެންވެ މި އިވެންޓު ރީޗްވެފައި ވަނީ އެ ވަގުތު ރާއްޖޭން ވިޔަފާރި ބޭނުންވެފައި ތިބި ޓުއާ އޮޕަރޭޓަރުން ކޮޅަކަށް އެކަންޏެވެ. އަދި މި އިވެންޓުގައި މި ހާލަތުގައި ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ބޭނުން ވާނެ މައުލޫމާތެއް ފޯރުކޮށެއް ނުދެވުނެވެ.
ރާއްޖެ އަންނަން ބޭނުންވާ މީހަކަށް އެންމެ ބޭނުން ވާނީ އެ މީހުންގެ ބޮލުގައި އިން ބިރު ފިލައިގެން ދާނެ ގޮތެއް ދެއްކުމެވެ. ނުވަތަ ބިރު ކުޑަ ވާނެ ވާހަކަ ތަކެވެ. އެއީ ޔަގީން ކަމެކެވެ. ފްލައިޓެއް ލިބޭ ތަނުން ރާއްޖެއާމެދު މީހުން ވިސްނާނީ ވެސް އެ މެސެޖު ފޯރުކޮށް ދެވިގެނެވެ. އެ މެސެޖު ފޯރުކޮށް ދެވިއްޖެ ހެއްޔެވެ؟
މުޅި ފޯކަސް އެއް ގައުމަކާ ދިމާއަށް
ދެން އޮތީ ރާއްޖޭގެ މުހިންމު މާކެޓް ތަކަށް ފޯކަސްކޮށް އިސްތިހާރު ކުރެވޭތޯ ކުރެވޭ ސުވާލެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ހަމައެކަނި އިންޑިއާ އިން އެކަންޏެއް ނޫނެވެ. ނޫނީ އިނގިރޭސިވިލާތުން އެކަންޏެއް ވެސް ނޫނެވެ. އާއްމުކޮށް ފޭސްބުކް ފަދަ ވަސީލަތްތައް ބޭނުން ކުރަން ދަތި، ޗައިނާ ފަދަ ގައުމު ތަކުން ވެސް ޓޫރިސްޓުން އާދެ އެވެ. މި ގައުމުތަކުގެ އޯޑިއަންސް އަށް ރީޗް ވާން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެ މާކެޓުގައި ޓަޗް ކުރެވޭ ހެއްޔެވެ؟
ޗައިނާ އިން ޓޫރިސްޓުން ގެނަން ޓުއާ އޮޕަރޭޓަރަކު ވިދާޅުވި ގޮތުގައި ޗައިނާ މާކެޓުގައި މިހާރު މަސައްކަތް ނުކުރެވިއްޖެނަމަ ފަހުން ވަރަށް ދަތިވާނެ އެވެ.
"ޗައިނާ މާކެޓަށް މިހާރު ވަރަށް ބޮޑަށް އިސްތިހާރު ކުރަން އެބަޖެހޭ. އެ މާކެޓަކީ މުޅި ދުނިޔެ އަށް ވެސް އެންމެ ޕޮޓެންޝަލް އޮތް އެއް މާކެޓު. ސިޔާސީ ގޮތުން ވެސް މަސައްކަތް ކުރަން ޖެހޭ. ޗައިނާގެ ޓުއާ އޮޕަރޭޓަރުންނާއެކު ކްލޯޒް ރިލޭޝަންޝިޕްއެއް ބާއްވަން އެބަޖެހޭ. ޗައިނާއަކީ ތަފާތު ސިސްޓަމެއް އޮންނަ ތަނެއް. އެހެންވެ ސަރުކާރުގެ މަތީ ލެވަލްގައި ވެސް މި މަސައްކަތް ކުރެވެން ޖެހޭ،" އެ އޮޕަރޭޓަރު ވިދާޅުވި އެވެ.
ޗައިނާ ފަދަ މުހިންމު މާކެޓް ތަކަށް މާކެޓިން ފޯރުކޮށް ދިނުމުގެ ބަދަލުގައި ބޭރުގެ އޮންލައިންތަކުން އިސްތިހާރު ނަގައިގެން "ސުރުހީ ހެދުން" އެމްއެމްޕީއާރްސީން ހުއްޓާލަން ޖެހެ އެވެ. އެ ކުންފުންޏަށް 10 މިލިއަން ޑޮލަރުގެ މާކެޓިން ބަޖެޓެއް ދީފައި އެބައޮތެވެ.
މި ބަޖެޓުން ހަރަދު ކުރަން ޖެހޭނީ އެންމެ ރަނގަޅު ގޮތުގަ އެވެ. ނަމެއްގައި ބްލޮގަރުން ކޮޅަކާއި ނަމެއްގައި ނޫސްވެރިންތަކެއް ގެންނަ ގޮތަށް މިހާރު މާކެޓް ކުރަން ދިމާ ކޮށްފިނަމަ މުސްތަގުބަލުގައި ރާއްޖެއަށް ނަންބަރު މަތި ކުރަން ދަތި ވާނެ އެވެ. އާ ޓޫރިޒަމް މިނިސްޓަރުގެ އަންދާޒާއަކީ 120،000 މީހުންނެވެ. މި މަސައްކަތުން އެ އަދަދު ގެނެވޭނެ ގޮތެއް ނުފެނެ އެވެ.
ރާއްޖޭގެ ވާދަވެރިން މާކެޓް ކުރުން ހުއްޓާނުލައި ކުރި އަށް ގެންދެ އެވެ. އެހެންވެ ސަރުކާރު މައިގަނޑު ސިޔާސަތު ބަދަލުވާން ޖެހެ އެވެ.
ވާދަވެރިން ގިނަ މަސައްކަތް ތަކެއް
ރާއްޖޭގެ ބްރޭންޑް އިސްތިހާރު މާކެޓިންއަށް ކުރަނީ ކޮން ކަމެއްތޯ ޓޫރިޒަމް ސިނާއަތުން ސުވާލު އުފައްދަ އެވެ. މި ސުވާލު މިގޮތުގައި އޮތްއިރު، ޓޫރިޒަމްގައި ވާދަވެރި ގައުމު ތަކުން މުހިންމު ފިޔަވަޅު ތަކެއް ދަނީ އަޅަމުންނެވެ. ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. އަވައްޓެރި ސްރީލަންކާ އިން ދަނީ މުޅި ސްރީލަންކާ ޕްރޮމޯޓް ކުރަން ބޮޑު ކެމްޕޭނެއް ފަށަން ތައްޔާރު ވަމުންނެވެ. އެ ގައުމުން ދަނީ ކޮންޓެންޓް ކްރިއޭޓަރުން ހޯދަން އަތް ފުނާ އަޅަމުންނެވެ. އަދި ސީޝެލްސް އިން ވަނީ އޮންލައިން ބޮޑު ކެމްޕޭނެއް ފަށާފަ އެވެ. ރާއްޖެއާ ޓޫރިޒަމްގައި ވާދަކުރާ ގައުމު ތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެމްއެމްޕީއާރުސީން އެކަށީގެންވާ ވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރެވެ އެވެ.
އެމްއެމްޕީއާރްސީން މަސައްކަތް ނުކުރި ނަމަވެސް ރާއްޖޭގެ އަމިއްލަ ޓޫރިޒަމް ވިޔަފާރި ތަކުން މަސައްކަތް ތަކެއް ކުރެ އެވެ. ބައެއް ގެސްޓްހައުސް ތަކުން މި ހާލަތުގައި ވެސް އެ މީހުންގެ ރަށް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން އެތައް ހާސް ޑޮލަރެއް ހޭދަކޮށްފި އެވެ. ބައެއް ރިސޯޓު ތަކުން ދަނީ އަމިއްލަ ހަރަދުގައި މަޝްހޫރު މީހުން ގެނެސް، ރާއްޖެ އިޝްތިހާރު ކޮށްދެމުންނެވެ. ހިލޭ ބައިތިއްބައި ދެމުންނެވެ.
މާފުށީގައި ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިއަކު ބުނި ގޮތުގައި އެ މީހުންގެ މާކެޓިން ހުއްޓައެއް ނުލަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީން ކުރަނީ ކޮން ކަމެއްތޯ އޭނާ ވެސް ސުވާލު އުފެއްދި އެވެ
"ދުނިޔޭގެ ގިނަ މީހުންނަށް މާފުށި އެނގެނީ އަޅުގަނޑުމެންގެ މަސައްކަތުން. ރާއްޖެ ނޭނގޭ މީހުންނަށް ވެސް، މާފުށި އެނގޭ. އިންޑޮނޭޝިއާ ނޭނގޭ މީހުންނަށް ބާލީ އެނގޭ ގޮތަށް. މިއީ ހަމަ އަމިއްލަ ޕްރޮޕަޓީތަކުގެ މަސައްކަތް،" މާފުށީގެ ގެސްޓްހައުސް ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
ބައެއް ޕްރޮޕަޓީ ތަކުން ދަނީ އަމިއްލަ ހަރަދުގައި މަޝްހޫރު މީހުން ގެނެސް، ރާއްޖެ އިޝްތިހާރު ކުރަމުންނެވެ. މިގޮތަށް ކުރާ މަސައްކަތްތަކުގައި އެމްއެމްޕީއާރުސީން ބައިވެރި ނުވެވެނީ ކީއް ވެގެން ހެއްޔެވެ؟ އަމިއްލަ ޕްރޮޕަޓީ އިސްތިހާރު ކުރަން ދުނިޔޭގެ އެންމެ ހައި ލެވަލްގެ މީހުން ގެންނައިރު އެމްއެމްޕީއާރުސީއަށް އެފަދަ މީހުންނާ ހަމަ އަށް ނުފޯރުމަކީ ދެރަ ކަމެވެ. ސަރުކާރަށް ނުގެނެވޭނަމަ ގެނެވޭ ބަޔަކާއެކު ގުޅިގެން ޖޮއިންޓް ކެމްޕޭން ނުޖެއްސެންވީ ކީއް ވެގެން ހެއްޔެވެ؟