އަލިފާން

އަލިފާން ރޯވެ ފިހާރައެއް އަނދައިފި

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިތާ 48 ގަޑިއިރުގެ ތެރޭ އަނެއްކާވެސް ފިހާރައެއްގައި އަލިފާން ރޯވެ އަނދައި ގެއްލުންތައް ވެއްޖެ އެވެ. މި އަދުގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އަލިފާން ރޯވެ އެނދީ ހެންވޭރު ޖަނަވަރީ މަގުން މަޖީދީ މަގާ ގުޅޭ ގޮތަށް ހުންނަ ހ. ޑޮނީގޯލްގައި ތިރީބައިގައި ހަދާފައިވާ ހެދުން ފިހާރަ، "ވެސްޓަޔާ" ގަ އެވެ.

މިއަދު މެންދުރު 1:00 ޖަހާ އެހާކަންހާއިރު އެ ފިހާރައިގައި ރޯވެ އަނދަމުން ދަނިކޮށް ސިފައިންނާއި ފުލުހާއި އަދި އާންމުންގެ ބަޔަކު އެކުވެގެން އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ. އަލިފާން ނިއްވާލި ނަމަވެސް އެ ފިހާރައިގެ ހުރިހާ މުދަލާއި މެންދުރާ ހަމައަށް ލިބުނު ފައިސާ ވަނީ އަނދައިގެން ގޮސްފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން ފިހާރައިގައި ރޯވެ އަނދައިގަތީ ބޮޑު އަލިފާން ގަނޑެއް ފިހާރައިގެ ތެރޭގައި ހިފުމަށް ފަހު އަޑެއްވެސް އިވިފަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެ ފިހާރާގައި ރޯވެފައި ވަނީ ފިހާރައިގެ އޭސީގައި އެތެރޭ ޔުނިޓުގައި ހުޅުހިފައިގެނެވެ.

ފިހާރާގައި ރޯވީ މެންދުރު ނަމާދަށް ބަންދުކޮށްފައި ހުއްޓެވެ. އޭރު އެއްވެސް މީހަކު ފިހާރައިގެ ތެރެއަކު ނެތެވެ.

މި ފިހާރަ ހުންނަ ގޭގެ އެހެން ބައިބަޔަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އެ އިމާރާތުގެ ކަރަންޓު ކަނޑާލައި އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެއް ފަށާފައިވެ އެވެ.

އަލިފާނުގެ މި ހާދިސާއާއެކު އެ ސަރަހައްދު ކޯޑަންކޮށް ބަންދުކޮށްފައިވާއިރު އެޗްޕީއޭއިން ބުނެފައި ވަނީ އެ ސަރަހައްދުގައި ދުމުގެ އަސަރު ހުރުމުން އެ ސަރަހައްދުގައި ތިބުން ރައްކާތެރި ނުވާނެ ކަމަށެވެ.

މިއަދުވެސް އަލިފާނެއް ރޯވި އިރު މިދިއަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓީފިޝަލް ބީޗާ ކައިރިން ބޮޑުތަކުރުފާނު މަގުގައި ހުންނަ "ކެފޭ ޓިއޯލޯ" ގައި ރޯވެ ދެބުރީގެ އެ އިމާރާތް އަނދައިގެން ދިއުމަށްފަހު ޖެހިގެން ހުރި 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގެ ބޮޑުބައެއްގައި ރޯވެ އެ އެ ބިލްޑިންގުގެ ބޮޑު ބައެއް ވެސް އަނދައި ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.