ގޭދޮށު ފިހާރައެއްގެ ތެރޭ ހުއްޓައި އަންހެނަކު އެ ފިހާރަ އަށް އައިސް ވަނެވެ. އޭނާ ގަންނަން ހޯދަނީ ދިވެހިންގެ މެދުގައި މަގުބޫލު "ކިރިމިކޭކަރު" ބިސްކޯދެވެ. އޭގެ "ފެހިކޭކަރު" އެވެ. އޭނާ އެ ހޯދަން ވަރަށް ގިނަ ފިހާރަ ތަކަށް ވަދެއްޖެ އެވެ. އެކަމަކު ބޭނުންވި ސީދާ ކުލައެއް ނުލިބުނެވެ. ސޭޓު ގާތު ޝަކުވާ ކުރުމުން އެނގުނީ ބާޒާރުން އެ ބިސްކޯދުގެ ކުލަތައް މިހާރު ލިބުން ދަތިވެފައިވާ ކަމެވެ. މިއީ އެންމެ މީހެއްގެ ވާހަކަ އެކެވެ. ކޭކް ފަދަ ތަކެތި ފިހާ ގިނަ ބަޔަކު މި ޝަކުވާ އެބަ ކުރެ އެެވ. އެމީހުން ބޭނުންވާ އެއްޗިހި މިހާރު ބާޒާރުން ނުލިބެނީ އެވެ. ކުރިން ބާޒާރުން ލިބެން ހުރި ވެރައިޓީ އާއި މީހުން ބޭނުންވާ "ޗޮއިސް" ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާ އެވެ. ކުރިން އާއްމު ގޮތެއްގައި ލިބުނު އެތައް ބާވަތެއްގެ މުދާ ބާޒާރުން "ގެއްލެން" ފަށައިފި އެވެ. މީރު އެތައް ރަހައެއް ވެސް "ގެއްލިޖެ" އެވެ.
މިވަނީ ކިހިނެއް ހެއްޔެވެ؟ ސަޕްލައި ޗެއިންގައި މައްސަލައެއް އުޅެނީ ހެއްޔެވެ؟
"މައްސަލައަކީ ޑޮލަރު ނުލިބުން. އެހެންވެ އަޅުގަނޑުމެން އެތެރެ ކުރާ ބައެއް އެއްޗިހި ވެސް މިހާރު ގެނައުން ވަގުތީ ގޮތުން ހުއްޓާލައިފިން. ކޮންމެހެން ބޭނުންވާ އެއްޗެއް މިހާރު މި ގެންނަނީ،" ބީއެޗްއެމް ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފު އަވަސް އަށް އިއްޔެ ވިދާޅުވި އެވެ.
ރާއްޖޭގެ ބާޒާރަށް އެންމެ ގިނައިން ތަރުކާރީ އާއި މޭވާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އުފަންވެލީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މަރުޒޫގު ވިދާޅުވި ގޮތުގައި މުދާ މަދުވުމުގެ މައިގަނޑު ސަބަބަކީ ޑޮލަރު ނުލިބުމެވެ. އެހެންވެ ގިނަ ވިޔަފާރިވެރިންނަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ވެއެވެ.
"އަޅުގަނޑުމެންގެ ސަޕްލަޔަރުންނަކީ ޒަމާންވީ ބައެއް. އެ މީހުންނާއެކު ވިޔަފާރި ކުރާތާ 10 އަހަރު ވެއްޖެ. އެހެންވެ އެ ބޭފުޅުން އަޅުގަނޑުމެންނަށް ކްރެޑިޓަށް ވެސް މުދާ އެބަދޭ. އެހެންވެ އަޅުގަނޑުމެންނަށް އެ މައްސަލަ ކުޑަ. އެކަމަކު ގިނަ އަދަދެއްގެ އެހެން ވިޔަފާރިތަކަށް ވަރަށް ދަތި ވެގެން އުޅޭ،" މަރުޒޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަޕްލައި ޗެއިންގައި މައްސަލަ ނޫޅުނު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ބޭރުން މުދާ ގެންނަ އަގު ވެސް މަތިވެފައި ވެއެވެ.
"ޗެއިންގަ ހަގީގަތުގަ މާބޮޑު މައްސަލައެއް ނެތް. އެކަމަކު މުދާ ގެންނަ އަގު މަތިވެއްޖެ. ހާއްސަކޮށް އެއާ ފްރައިޓްކޮށް މުދާ ގެންނަ އަގު ވަރަށް ބޮޑު،" މަރުޒޫގު ވިދާޅުވި އެވެ.
ރާއްޖެ އަށް މުދާ ގެންނަ އެންމެ ބޮޑު ކުންފުނީގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ޑޮލަރު ނުލިބޭތީ ބައެއް ބާވަތްތަކުގެ މުދާ އެ ކުންފުނިން މިހާރު ނުގެނެ އެވެ.
"ސަރުކާރަށް ވާވަރުން ޑޮލަރު ދޫކުރާ ކަމަށް ފެންނަނީ. އެކަމަކު ޑޮލަރު ބޭނުންވާ ވަރަކަށް ނުލިބޭ. ސިނގިރެޓް އެތެރެ ކުރަން ވެސް ލައްކަ ލައްކައިން ޑޮލަރު ބޭނުންވޭ. އެހެންވެ ވަކި ވަރަށް ތާ އެ ހުންނާނީ. ޓޫރިޒަމް ނެތީމަ މި މައްސަލަ ކުރިމަތިވަނީ. ޑޮލަރު ނުލިބޭތީ އަޅުގަނޑުމެން ވެސް ބައެއް އެއްޗިހި އެތެރެ ކުރުން ހުއްޓާލައިގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ބައެއް ބާވަތްތައް ހުސްވަމުން ދާތީ އެންމެ ދަތިވާ އެއް ބަޔަކީ ރަށްރަށުގެ ވިޔަފާރި ތަކެވެ. އެ މީހުން އާއްމު ގޮތެއްގައި މާލެ އަށް ލިސްޓު ފޮނުވައިގެން މުދާ ގެނުވާއިރު، ބާޒާރަށް ބޭނުންވާ މުދާ ހޯދަން މިހާރު ދަތިތަކާ ކުރިމަތިވަމުންދެ އެވެ.
"ދެ ފިހާރައަށް ލިސްޓު ފޮނުވައިފިން. އެކަމަކު ބުނަނީ ގިނަ އެއްޗިހި ނެތޭ. ނުލިބެއޭ! ކިހިނެއް މި ވެގެން އުޅެނީ؟" ބ. ތުޅާދޫގައި ކުޑަ ކަންމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ސުވާލު އުފެއްދި އެވެ.
ޑޮލަރު ނުލިބޭއިރު، ބޭރުވުން މަދެއް ނުވޭ!
މިހާރުގެ މައްސަލައިގެ ހަގީގަތަކީ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމެވެ. ރާއްޖެއަކީ 90 ޕަސެންޓް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރު ވަންނަ މައި ދޮރަކީ ޓޫރިޒަމް އެވެ. ޓޫރިޒަމުން މިހާރު އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. އާއްމުކޮށް ޓޫރިޒަމުން އަހަރެއްގެ މައްޗަށް 3.6 ބިލިއަން ޑޮލަރު ރާއްޖެ އެތެރެވެ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް ސުމަކަށް ވެއްޓިފަ އެވެ.
މިވަގުތު ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ މަސްވެރިކަމެވެ. މި ހާލަތަށް އައިރު މަސްވެރިކަން ތަރައްގީ ކޮށްފައި ނެތުމުން އެކަށީގެންވާ ވަރަށް ޑޮލަރު އެތެރެ ކުރުމުގެ ކުޅަދާނަ ކަމެއް މަސްވެރި ކަމުގައެއް ނެތެވެ. ރާއްޖޭގެ އިމްޕޯޓާއި ދިވެހިން ބޭރަށް ކުރާ ދަތުރުތައް ވެސް މަދެވެ. އެހެންވީއިރު ޑޮލަރު ނުލިބެންވީ ކީއް ވެގެން ހެއްުޔެވެ؟
ރާއްޖޭގެ އިމްޕޯޓަށް މަހެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 100 އާއި 150 މިލިއަން ޑޮލަރު ބޭނުންވެ އެވެ. ނަމަވެސް މި އަދަދު ކޮންމެ ވެސް ވަރަކަށް މިހާރު މަދުވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އިމްޕޯޓަށް ލޯޑު ހިފާ މައިގަނޑު އެއް ސިނާއަތް ކަމަށްވާ ޓޫރިޒަމް ރިސޯޓުތަކުގެ ބޮޑުބައި ބަންދުކޮށްފައި އޮތުމެވެ. އެކަމަކު ރިސޯޓުތައް ހުޅުވާ ވަރަކަށް އިމްޕޯޓް ކުޑަކޮށް ނަމަވެސް އިތުރު ވަމުންދާކަމުގެ ނިޝާންތައް ފެންމުން އެބަދެ އެވެ. މީގެ އިތުރުން ޑޮލަރުގެ ތާށިވުމުގެ ސަބަބަކީ ރާއްޖޭގައި ހުރި ޑޮލަރު ބޭރަށް "ލީކުވު" މަށް މަޑު ޖެހުމެއް ނައުމެވެ.
ސަރުކާރުން ބުނާ ގޮތުން ރާއްޖޭގައި މި ވަގުތު އިމްޕޯޓް ނެތުމުން ޑޮލަރުގެ ޑިމާންޑް ދަށްވާނެ އެވެ. އެއީ ރަނގަޅު ވާހަކަ އަކަށް ވެދާނެ އެވެ. އެކަމަކު އިމްޕޯޓުން ދަށްވެ ޑިމާންޑް އެހެން ގޮތްގޮތުން އެބަ ހިފަ އެވެ. ބޭރަށް ފޮނުވާލާ ބިދޭސީން ވެސް އެ ދަނީ ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެންނެވެ. މިހާތަނަށް 5،000 ބިދޭސީން ވަނީ ބޭރަށް ފޮނުވާލާފައިވެ އެވެ. ބައެއް ބިދޭސީން ދަނީ ރާއްޖޭން ގެންދެވޭ އެންމެ ގިނަ އަދަދަކަށް ޑޮލަރު ހިފައިގެންނެވެ. ބިދޭސީއެއް އެވްރެޖު ގޮތެއްގައި 3،000 ޑޮލަރު ގެންދާނެ ކަމަށް ބެލި ނަމަވެސް ހަ އެއްކަ މަސް ތެރޭ 15 މިލިއަނެއްހާ ޑޮލަރު ބޭރުވެފައި ވާނެ އެވެ. އެހެންވެ ބޭރަށް ޑޮލަރު ދާ މަގުތަކާއެކު މަހެއްގެ މައްޗަށް އެންމެ ގިނައިން އިމްޕޯޓް ކުރާ ދުވަސްވަރާ ގާތަށް ޑޮލަރު ބޭރުވުމުގެ ފުރުސަތު އޮންނާނެ އެވެ.
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ރާއްޖޭގައި ޑޮލަރުގެ މާރުކޭޓް ހަމައަކަށް އެޅުވުމަކީ ދަތި ކަމަށްވާނެ އެވެ. ނަމަވެސް މިހާރުގެ މައްސަލައިގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ފިޔަވަޅު ލަސްވުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރައްވަ އެވެ.
"މިހާލަތަކީ ދަތި ހާލަތެއް. އެކަމަކު ނަގާ ޑިސިޝަންތައް ރަނގަޅު ވަގުތު ނެގުން މުހިންމު. އަޅުގަނޑަށް ގަބޫލު ކުރެވެނީ ޑޮލަރުގެ މާރުކޭޓަށް ޑޮލަރު ފޯރުކޮށް ދިނުން ލަސްވެފައިވާ ކަމަށް. މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ހާލަތު. އެހީތައް ވެސް ލަސް ވަގުތަކަށްވުން. މައިގަނޑު ސަބަބަކީ ސަރުކާރު ލަސްވުން،" އިގްތިސޯދީ މާހިރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
މުދާ އަގު ބޮޑުވާނެ ސަބަބެއް
ޑޮލަރު ތާށިވުން ވަނީ މުދަލުގެ އަގު މަތިވުމުގެ ސަބަބަށެވެ. އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ޓީޓީ ހަދަން ކޮންމެހެން ވެސް ޑޮލަރު ބޭނުންވެ އެވެ. ކޮވިޑް-19 އައުމުގެ ކުރީގައި ވިޔަފާރިވެރިންނަށް ޓީޓީ ހަދަން ބޭނުންވާ ވަރަށް ޑޮލަރު ލިބެ އެވެ. އެކަމަކު މިހާރު އާއްމު ރޭޓުގައި ޑޮލަރު ނުލިބުމުގެ ސަބަބުން އަގު ބޮޑުކޮށް ޑޮލަރު ހޯދަން މަޖުބޫރުވެ އެވެ. ބްލެކް މާކެޓުން ޑޮލަރު ގަތުމަކީ މަނާ ކަމެއް ކަމުގައި ވިއަސް ވިޔަފާރިވެރިންނަށް އިތުރު މާގިނަ ޗޮއިސްތަކެއް ނެތެވެ. އެހެންވެ 18ރ. އަށް ނޫނީ 19ރ. އަށް ޑޮލަރު ގަނެގެން ވެސް އިމްޕޯޓް ކުރަން މަޖުބޫރުވެ އެވެ. ބައެއް ވިޔަފާރިވެރިން މި އަގުގައި ޑޮލަރު ހޯދައިގެން އިމްޕޯޓް ކުރާކަށް ބޭނުމެއް ނުވެ އެވެ. ސަބަބަކީ މީގެ ސަބަބުން އަގު ބޮޑު ކުރަން މަޖުބޫރުވާތީ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން މިހާރު ގެންނަނީ ކޮންމެހެން ބޭނުންވާ ތަކެއްޗެވެ. ވިކޭނެ ބާވަތް ތަކެވެ.
"އަގު ބޮޑުކޮށް ޑޮލަރު ހޯދީމަ މުދާ އަގު ބޮޑުވެ. އެ އަގުގައި ގެނެސްގެން ނުވިކުމުގެ ބިރު ވެސް އޮވޭ. މިއީ ގެއްލުމެއް،" ބީއެޗްއެމްގެ ޝަރީފު ވިދާޅުވި އެވެ.
ޕެރަލަލް މާކެޓުގައި ޑޮލަރު ހުރި އަގުން ހޯދައިގެން މުދާ އެތެރެ ކުރާނަމަ މުދަލުގެ އަގު 20 އާއި 22 ޕަސެންޓް ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޯލްސޭލް އަދި ރިޓެއިލް ޗެއިން ކަމަށްވާ ރެޑްވޭވްގެ މެނޭޖަރު އަލީ ޝަމީމް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހުރިހާ އެއްޗެއް ވެސް ލިބެން ހުންނާނެ އެވެ. ނަމަވެސް ޑޮލަރު ނުލިބޭތީ މުދަލުގެ އަގަށް ބަދަލު އަންނާނެ އެވެ.
"ބޮޑު އަގުގަ ޑޮލަރު ހޯދައިގެން އިމްޕޯޓް ކުރީމަ މުދަލުގެ އަގު ބޮޑު ވާނެ. އެކަމަކު ރެޑްވޭވް އިން ރައްޔިތުންނަށް ހުރިހާ އެއްޗެއް ވެސް ގެނެސްދޭނެ ހުރިހާ އެއްޗެއް ލިބެން ހުންނާނެ،" އަލީ ވިދާޅުވި އެވެ.
ޑޮލަރުގެ މާކެޓަށް އުންމީދީ ވާހަކަ ތަކެއް
ބޭންކް ތަކަށް ޑޮލަރު ވިއްކޭނީ މަރުކަޒީ ބޭންކް އިން ޑޮލަރު ފޯރުކޮށް ދީގެންނެވެ. ޑޮލަރު މާކެޓަށް އައިސްފައިވާ ދަތިކަން ފިލުވައިދޭން ސަރުކާރާއި މަރުކަޒީ ބޭންކުން ކުރަނީ ކޮން މަސައްކަތް ތަކެއް ހެއްޔެވެ؟ މިކަން ހައްލުވާނީ ކޮން އިރަކުން ހެއްޔެވެ؟
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑޮލަރުގެ ރިޒާވް މިހާރު ބޭނުން ކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ބޭނުންވާ އިމްޕޯޓަށް ކަމަށާ، ކޮވިޑް-19 ގެ ކުރިއަށްވުރެ ގިނައިން މިހާރު އެކަމަށް ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށެވެ.
"ވަންނަ ޑޮލަރުގެ އަދަދު ބޮޑު ތަނުން ދަށްވީމަ އަޅުގަނޑުމެންގެ އިންޓަވެންޝަން ޕޮލިސީ އަށް ބޮޑު ބަދަލު ތަކެއް ގެނެވޭ ތޯ ގިނަ މަސައްކަތް ތަކެއް ވެސް ކުރެވުނު. މި ހާލަތާއި ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކާބޯތަކެއްޗާއި ސިއްހީ ކަންކަން ކަށަވަރު ކުރަން. އިކޮނޮމިކް މިނިސްޓްރީން މިކަމަށް ބޭނުންވާ ލިސްޓެއް އެކުލަވާލައި މި ވަގުތަށް ބޭނުންވާނެ ކާބޯތަކެއްޗާއި ގޭބިސީގެ ކަންތައްތަކުގައި ބޭނުން ކުރާ ބައެއް ކަހަލަ ތަކެތީގެ ލިސްޓެއް އެކުލަވާލެނު. އަދި އެ ތަކެތި ހޯދުމަށް މަހެއްގެ މައްޗަށް ބޭނުންވާ ޑޮލަރުގެ އަންދާޒާ އެއްވެސް ހޯދުނު،" އިމާދު ވިދާޅުވި އެވެ.
މިހާލަތާ ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކާބޯތަކެއްޗާއި ސިއްހީ ކަންކަން ކަށަވަރު ކުރަން. އިކޮނޮމިކް މިނިސްޓްރީން މިކަމަށް ބޭނުންވާ ލިސްޓެއް އެކުލަވާލައި މި ވަގުތަށް ބޭނުންވާނެ ކާބޯތަކެއްޗާއި ގޭބިސީގެ ކަންތައްތަކުގައި ބޭނުން ކުރާ ބައެއް ކަހަލަ ތަކެތީގެ ލިސްޓެއް އެކުލަވާލެނު. އަދި އެ ތަކެތި ހޯދުމަށް މަހެއްގެ މައްޗަށް ބޭނުންވާ ޑޮލަރުގެ އަންދާޒާ އެއްވެސް ހޯދުނުއަހުމަދު އިމާދު | އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޑޮލަރުގެ މާކެޓަށް އައިސްފައިވާ ދަތިތަކުން ވަރަށް އަވަހަށް އަރައި ގަނެވޭނެ އެވެ.
"އެ ކަންތައް [ޑޮލަރުގެ މާކެޓް] މެނޭޖު ކުރަން އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕް ފެސިލީޓީގެ ތެރެއިން އެމްއެމްއޭ އިން މަސައްކަތްތަކެއް އެބަ ކުރޭ... ކުރިއަށް އޮތްތަނުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދާ ފައިސާ އާއި ބޭރުން ލިބޭ ހިލޭ އެހީ އާއި ލޯނު ބޭނުން ކޮށްގެން ވެސް ޑޮލަރުގެ އަސްލު ރޭޓް ފިކްސްޑްވެފައި އިން ރޭޓާ ކައިރި މިންވަރަކަށް ގެންދެވޭ ތޯ މަސައްކަތް ކުރާނަން. އިރާދުކުރެއްޔާ ޕެރަލަލް މާކެޓުގެ ރޭޓްސްތައް ދައްވާނެ ކަމަށް ލަފާ ކުރަނީ،" އަމީރު ވިދާޅުވި އެވެ.
މިހާރު ޑޮލަރެއް ނުލިބެ އެވެ. ޑޮލަރު ނުލިބެނީ ޑޮލަރު ވަނުން މަދުވެގެންނަމަ އެކަން ހައްލު ކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެ އެވެ. ރައްޔިތުން އަތުން ގެއްލިގެންދާ ޗޮއިސް ހޯދައިދޭން ޖެހެ އެވެ. އަގު ބޮޑުކޮށް ޑޮލަރު ހޯދާނަމަ މުދާ އަގު ބޮޑުވާނެ އެވެ. މީގެ އާހިރު ގެއްލުން ފޯރާނީ ރައްޔިތު މީހާ އަށެވެ. ރައްޔިތުންގެ އަތްމަތި އިންތިހާ އަށް ދަތިވެފައިވާއިރު، މިކަންވާނީ އިތުރު ވޭނަކަށެވެ.