ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

މިހާތަނަށް ރާއްޖެއަށް ލިބުނީ 190 މިލިއަން ޑޮލަރު

ކޮވިޑް-19 އާ ގުޅިގެން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ފިނޭންސް މިނިސްޓަރު މިރޭ ގޮތުގައި މިހާތަނަށް 190 މިލިއަން ޑޮލަރު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބިފައިވެ އެވެ. ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކޮންސެޝަނަލް ރޭޓުގައި ފައިނޭންސް ހޯދާށެވެ.

"މިހާރު ފެންނަނީ ފިސްކަލް ޑެފިސިޓް 15 ބިލިއަން ރުފިޔާގައި ހުންނާނެ. ކުރިއަށް އޮތް ތަނުގައި ޑެފިސިޓް ފޫބައްދަން އަޅުގަނޑުމެން މި އަހަރު ވެސް އަދި 2021 ގައި ވެސް މި ބަލަނީ ކޮންސެނަލް ފައިނޭންސިން ގޮތުގައި ބޭރުގެ ފަރާތަކުން ފަންޑާސް ހޯދަން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރާއި ކުރިއަށް އޮތްތަނުގައި އައިޑީބީ އާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ޑޮލަރުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ"

ޑޮލަރު ނުލިބޭ މައްސަލައާ ބެހޭ ގޮތުން ވެސް އަމީރު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ރާއްޖެއަށް ޑޮލަރުގެ އާމްދަނީގެ ބޮޑުބައި ލިބެނީ ޓޫރިޒަމް ސިނާއަތުން ކަމަށާއި ނަމަވެސް އެ މަގުތައް ގާތްގަނޑަކަށް ބަންދުވެފައިވާ ކަމަށެވެ. އަދި އެހެންވެ ޑޮލަރުގެ މާކެޓް މަތިވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެ ކަންތައް މެނޭޖު ކުރަން އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕް ފެސިލީޓީގެ ތެރެއިން އެމްއެމްއޭއިން މަސައްކަތްތަކެއް އެބަކުރޭ... ކުރިއަށް އޮތްތަނުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދާ ފައިސާ އާއި ބޭރުން ލިބޭ ހިލޭ އެހީ އާއި ލޯނު ބޭނުން ކޮށްގެން ވެސް ޑޮލަރުގެ އަސްލު ރޭޓް ފިކްސްޑްވެފައި އިން ރޭޓާ ކައިރި މިންވަރަކަށް ގެންދެވޭ ތޯ މަސައްކަތް ކުރާނަން. އިރާދުކުރެއްޔާ ޕެރަލަލް މާކެޓުގެ ރޭޓްސްތައް ދައްވާނެ ކަމަށް ލަފާ ކުރަނީ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ކުރިން އަންދާޒާކުރީ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ. އަދި މިހާތަނަށް ލިބިފައިވަނީ އަށް ބިލިއަނާ ގާތްކުރާ އަދަދެކެވެ.