ވިޔަފާރި

އިންޑިއާ އާއި ޗައިނާގެ ލޯނުތައް ވެސް ލުއި: އަމީރު

އިންޑިއާ އާއި ޗައިނާގެ ލޯނު ތަކަކީ ވެސް ލުއި ފަސޭހަ ސިފަ ތަކެއް ހިމެނޭ ލޯނު ތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރޭ މިނިސްޓަރު އަމީރު ވިދާޅުވީ ޗައިނާ އާއި އިންޑިއާ އިން ވެސް ޑައިރެކްޓް ލޯނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެރެންޓީޑް ދީގެން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށެވެ. އިންޑިއާ އާއި ޗައިނާގެ ލޯނުތަކަކީ ވެސް އޭގެ ޒާތުގައި ކޮންސެޝަނަލް ލޯނު ތަކެއް ކަމަށާއި އެ ލޯންތަކުގެ ޓާމްސްތައް ވެސް ރަނގަޅު ކަމަށެވެ.

"އިންޑިއާ އިން ގާތްގަނޑަކަށް އެއް ޕަސެންޓާއި 1.5 ޕަސެންޓުގައި ލޯނު ލިބޭ. ޗައިނާ އަށް ބަލާއިރު ގާތްގަނޑަކަށް ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ލިބެނީ. ގްރޭސް ޕީރިއަޑު ވެސް އެބަ ލިބޭ ގާތްގަނޑަކަށް ފަސް އަހަރު. ފައިސާ ދައްކަން 20 އަހަރު ލިބޭ،" އަމީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލޯނުތަކުގައި މައްސަލަ ކުރިމަތި ވަނީ ކުރީގެ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޕްރޮޖެކްޓްތަކުގެ ޓެންޑަރިން ކުރިއަށް ގެންދަނީ ވަރަށް އޯޕަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށާ، ނަމަވެސް ކުރިން ޕްރޮޖެކްޓުގެ ކޯސްޓް މަތިވެފައި ވަނީ އޯޕެނިން ޓެންޑަރިން އަކަށް ނުގޮސް މަޝްރޫއު ހިންގުމުން ކަމަށެވެ.

"މިހާރު ޕްރީ ކޮލިފިކޭޝަންގެ ޕްރޮސެސް އެބަ ހިނގާ އިންޑިއާގައި ވެސް. ޕްރީ- ކޮލިފިކޭޝަން އަށް ފަހު ރާއްޖޭގެ ޓެންޑަ ބޯޑުން ވެސް ޓެންޑަރަށް ހުޅުވާލާނަން. އެހެންވީމަ އާހިރުގައި މި ލިބޭ އަގަކީ ވަރަށް ކޮމްޕެޓިޓިވް އަގަށްވޭ. ޕްރޮޖެކްޓުގެ ކޯސްޓް ވަރަށް ކުޑަވޭ. ކުރީގަ ސަރުކާރުން ހިންގާފައިވާ ގެރެންޓީޑް އަދި ސޯޝަލް ހައުސިންގެ ޕްރޮޖެކްޓް ތަކަކުގެ ކޮސްޓް ބޮޑީ. ހުޅުމާލޭގައި ކޮންސްޓްރަކްޝަން ކޮސްޓް އުޅެނީ 1،200 ރުފިޔާ އަކަ ފޫޓެއް. އެކަމަކު ކުރިން ހިންގި ޕްރޮޖެކްޓްތަކުގައި އެބަ އަރާ 1900 ނޫނީ 2،000 އަކަ ފޫޓަކަށް،" އަމީރު ވިދާޅުވި އެވެ.