ހަބަރު

ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު މާލެ ވަޑައިގެންފި

މިއަދު މާލޭގައި ބާއްވާ ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް މާލެ ވަޑައިގަންނަވައިފި އެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، ދެ ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބައްދަލުވުމާއި ބެހޭ އިތުރު މައުލޫމާތެއް ފޮރިން މިނިސްޓްރީން އަދި ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ކޮމިޝަންގެ ބައްދަލުވުމަށް ފަހު މައުމޫލޫމާތު ހިއްސާކުރަން ދެ ގައުމުން ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އިން ޖޮއިންޓް ކޮމިޝަން އުފެއްދީ 1986 ގަ އެވެ. އެއީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އިގްތިސޯދީ އަދި އެހެނިހެންވެސް ފަންނީ ދާއިރާތަކުން ދެ ގައުމަށް ޖެހިފައިވާ ބޭނުންތައް ހިއްސާކޮށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މިއަދުގެ ބައްދަލުވުން ވެގެންދާނީ އެ ކޮމިޝަނުން މިހާތަނަށް ބާއްވާ ފަސް ވަނަ ބައްދަލުވުމަށެވެ.