އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމައިިފި އެވެ.
ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވަނީ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ޓާސްކް ފޯސްގެ އޮފިޝަލުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގަތެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މަޝްވަރާކޮށް ނިންމާފައިވަނީ ކެޓަގަރީ ތަކަށް ބަހާލައިގެން، ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް ފުރިހަމަ ކުރާ ރަށްރަށުގެ ގެސްޓްހައުސްތަކަށް ހުޅުވުމުގެ ހުއްދަ ދޭށެވެ. މި ބައްދަލުވުމުގައި ބައިވެރިވި ފަރާތެއް އަވަސް އަށް ކިޔައިދިން ގޮތުގައި ގެސްޓްހައުސްތައް ހުޅުވުމުގައި އަމަލު ކުރާނެ އިންތިޒާމުތައް ޓޫރިޒަމް މިނިސްޓްރީން ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ގެސްޓްހައުސް ހުޅުވާނެ ތާރީހެއް ނޭނގުމުގެ ސަބަބުން މި ވިޔަފާރިވެރިން ތިބީ ވަރަށް މާޔޫސްވެފަ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސް ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ. ރާއްޖޭގައި 600 ގެސްޓްހައުސް ހުރިއިރު، ގެސްޓްހައުސް ސިނާއަތް ވެފައިވަނީ މިހާރު އާއްމު ފަރުދުންނަށް އާމްދަނީ ލިބެން އޮތް ފުޅާ ވަސީލަތަކަށެވެ.