ދިރިއުޅުން

ރާއްޖޭގެ ގޭބިސީއެެއްގެ އެވްރެޖު އާމްދަނީއަކީ 28،764 ރުފިޔާ

ރާއްޖޭގެ ގޭބިސީއަކަށް އެވްރެޖު ގޮތެއްގައި އާމްދަނީގެ ގޮތު ލިބެނީ 28،764 ރުފިޔާ ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ސާވޭއަކުން ދައްކައިފި އެވެ.

އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ ގޭބިސީގެ އާމްދަނީ އާއި ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ގޭބިސީއަކަށް ލިބޭ އާމްދަނީ އަކީ 28،764 ރުފިޔާ އެވެ. ގޭބިސީ އަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަކީ އެ ގޭބިސީގައި ހިމެނޭ މެންބަރުންނަށް އެކި ގޮތްގޮތުން ލިބޭ އާމްދަނީ އެވެ.

އާމްދަނީ ލިބެނީ 2.6 މިހުންނަށް

މި ސާވޭ ދައްކާ ގޮތުގައި މާލޭގެ ގޭބިސީއަކަށް އެވްރެޖު ގޮތެއްގައި އާމްދަނީގެ ގޮތުގައި ލިބެނީ 35،596ރ. އެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގެ ތެރޭގެ ގޭބިސީތަކަށް އެވްރެޖު ގޮތެއްގައި އާމްދަނީގެ ގޮތުގައި ލިބެނީ 19،633ރ. އެވެ. އެވްރެޖު ގޮތެއްގައި ގޭބިސީއެއްގައި އާމްދަނީ ލިބޭ މީހުންގެ އަދަދަކީ 2.6 މީހުންނެވެ. ނަމަވެސް އަތޮޅުތަކުގެ ތެރޭގައި މާލެއަށްވުރެ އާމްދަނީ ލިބޭ މީހުންގެ އަދަދު މަތި ކަމަށް ސާވޭއިން ދައްކާފައި ވެއެވެ.

ސާވޭ ދައްކާ ގޮތުގައި ރާއްޖޭގެ އިދާރީ ރަށްރަށުގައި 87،537 ގޭބިސީ ހިމެނެ އެވެ. މީގެތެއިން 48 ޕަސެންޓް ހުންނަނީ މާލޭގަ އެވެ. މާލޭގައި 41،737 ގޭބިސީ ހުންނައިރު، އަތޮޅުތަކުގައި 45،808 ގޭބިސީ ހުރެ އެވެ. ރާއްޖޭގެ އެވްރެޖު ގޭބިސީއެއްގައި 5.2 މީހުން ދިރިއުޅެ އެވެ. އަދި 48 ޕަސެންޓް ގޭބިސީގެ އިސް މީހާއަކީ އަންހެނެކެވެ. މާލޭގައި ގިނައީ ފްލެޓުގައި ދިރިއުޅޭ ގޭބިސީތަކެވެ. އަމިއްލައަށް ނުވަތަ އަމިއްލަ ފަރާތަކުން ހަދައިދީފައިވާ ތަންތަނުގައި ދިރިއުޅެމުންގެން ދާ ގޭބިސީގެ ނިސްބަތަކީ 82 ޕަސެންޓެވެ. އަދި ސަރުކާރުން އަޅައިދީފައިވާ ފްލެޓް އާއި ރޯ ހައުސްތަކުގައި ދިރިއުޅޭ ގޭބިސީގެ ނިސްބަތަކީ 15 ޕަސެންޓެވެ. ލޭގައި ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ހަތަރުބައިކޮށްފައި އެއްބަޔަށް ވުރެގިނަ ގޭބިސީ ދިރިއުޅެމުން ގެންދަނީ ސަރުކާރުން އަޅައިދީފައިވާ ފްލެޓް / ރޯ ހައުސްތަކުގަ އެވެ

ގޭބިސީއެއްގައި ހުންނަނީ 4.4 ކޮޓަރި

އެމްބީއެސްގެ ސާވޭ ދައްކާ ގޮތުގައި އެވްރެޖްކޮށް ގޭބިސީއެއްގައި 4.4 ކޮޓަރި އަދި 6.2 ނިދާ ކޮޓަރި ހުރެ އެވެ. މުޅި ރާއްޖެއަށް ބަލާއިރު އެވްރެޖްކޮށް 4.4 ކޮޓަރި ގޭބިސީއެއްގައި ހުރެ އެވެ. އަދި މާލެއާއި އަޅާބަލާއިރު އަތޮޅުތަކުގައި ޖުމްލަ ކޮޓަރީގެ ނިސްބަތް
އިތުރެވެ. (އަތޮޅުތަކުގައި އެވްރެޖްކޮށް 2.5 ކޮޓަރި އަދި މާލޭގައި 6.3 ކޮޓަރި) އެވެ. ޖުމްލަ ކޮޓަރީގެ ތެރެއިން ނިދާ ކޮޓަރީގެ އެވްރެޖްއަށް ބަލާއިރު މާލޭގައި އެވްރެޖްކޮށް ގޭބިސީއެއްގައި 2.4 ނިދާ ކޮޓަރި ހުރެއެވެ. އަދި އަތޮޅުތަކުގައި އެވްރެޖްކޮށް 2.8 ކޮޓަރި ހުރެއެވެ. ޖުމްލަ ކޮޓަރީގެ ނިސްބަތަކަށް ބަލާއިރު ގިނަ ގޭބިސީތަކުގައި 4-5 އާއި ދެމެދުގެ އަދަދަކަށް ކޮޓަރި ހުރެއެވެ. އަދި ނިދާ ކޮޓަރިއަށް ބަލާއިރު 2-3 ގާތްކުރާ އަދަދަކަށް ކޮޓަރި ހުރެއެވެ.

އާބާދީގެ ނުވަ ޕަސެންޓް ތޮއްޖެހިގެން

ރާއްޖޭގެ އާބާދީގެ ނުވަ ޕަސެންޓް ދިރިއުޅެމުން ގެންދަނީ ތޮއްޖެހިފައިވާ ހާލުގަ އެވެ. ކޮންމެ 10 ގޭބިސީން އެއް ގޭބިސީއަކީ ތޮއްޖެހިފައިވާ ހާލުގައި ދިރިއުޅެމުންދާ މީހުނެވެ. ތޮއްޖެހިފައިވާ ހާލަތް ކަމަށް ބަލަނީ ނިދާ ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނައިން އުޅުމެވެ. އަދި އަތޮޅުތަކުގެ ގޭބިސީތަކުގެ ތެރެއިން ހަ ޕަސެންޓް ގޭބިސީ މިފަދަ ހާލުގައި މީހުން ދިރިއުޅެމުންދެ އެވެ. މާލެ އަށް ބަލާއިރު ބައިބޯމިން ބޮޑެވެ. އަދި މާލޭގައި ދިރިއުޅޭ ގޭބިސީގެ ތެރެއިން 12 ޕަސެންޓަކީ ތިން މީހުންނަށްވުރެ ގިނަ އިން އެއް ކޮޓަރިއެއްގައި މީހުން ދިރިއުޅޭ ގޭބިސީ އެވެ.

އަތޮޅުތަކުގެ 48 ޕަސެންޓަށް ނަރުދަމާ

ސާވޭ ދައްކާ ގޮތުގައި އަތޮޅުތަކުގައި ނަރުދަމާގެ ނިޒާމާ ގުޅިފައިވާ ގޭބިސީގެ ނިސްބަތަކީ 48 ޕަސެންޓެވެ. މުޅި ރާއްޖެއަށް ބަލައިފިނަމަ އެކި ބާވަތުގެ ފާހާނާގެ ނިޒާމް ވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ވަނީ އަތޮޅުތަކުގައި މީހުން ދިރިއުޅޭ ގޭބިސީގެ ތެރެއިން 48 ޕަސެންޓެވެ. އަދި 43 ޕަސެންޓް ގޭބިސީ ބޭނުން ކުރަމުން ގެންދަނީ ވަޅުގަނޑާއި ގުޅާފައިވާ ފާހާނާ ކުރުމުގެ ނިޒާމެވެ. އަދި ގިނަ ގޭބިސީއިން ކުނިއުކުމުގައި ބޭނުން ކުރަމުން ގެންދަނީ ކުނި ބަލާދާ ފަރާތެއްގެ ހިދުމަތެވެ.