އަމަން އަމާން ކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ފުލުހުން ކުރާ މަސައްކަތުގެ ހެއްކަކީ މިދިއަ ދޮޅު އަހަރެއްހާ ދުވަހުގައި، ލޭ އޮހޮރުވުމައި ތަޅާފޮޅުން މަދުވެފައި ވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހުޅުމާލޭގައި ޕޮލިސް ސްޓޭޝަނެއްގެ އާ އިމާރާތެއް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ އިމްރާނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
އިމްރާން ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމަށްޓަކައި އަދި ފުލުސް މުއައްސަސާގެ ކަރާމަތާއި ޝަރަފަށްޓަކައި ކޮންމެ ފުލުހަކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ފުލުހުން ކުރަމުންދާ މަސައްކަތް އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އެގޮތުން ރާޢްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތު ހެއްކަކީ މިދިޔަ 17 މަސްދުވަހުގެ ތެރޭގައި ލޭ އޮހޮރުމާއި ތަޅާފޮޅުން މަދުވުން ކަމަށެވެ.
މަދު ފުލުހުން ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަން އުފެދުން އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
އިމްރާން ވިދާޅުވީ އެންމެ މުހިއްމު އެއް ކަމަކީ އަމާންކަން ކަމަށެވެ. ފުރަތަމަ ސިފައަކީ އިގްތިސޯދީ ފުދުންތެރިކަމާއި، ތަނަވަސްކަން ކަމަށާއި ދެވަނަ ސިފައަކީ ފުދުންތެރިކަމާއި އަމާންކަން ކަމަށެވެ. އަމާންކަން ކަށަވަރު ވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ފުލުހުންނާ މެދު ކުރާ އުއްމީދު ބޮޑު، ފުލުހުންގެ ވަސީލަތްތައް ގާއިމްކުރަން ސަރުކާރުން އިސްކަން އެބަ ދެއްވާ. އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަން. މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީ ވެސް އޭގެ ހެއްކެ." އިމްރާން ވިދާޅުވި އެވެ.