ހުޅުމާލެ

ހުޅުމާލޭގައި އާ ފުލުސް ސްޓޭޝަނެއް ހުޅުވައިފި

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި ޕޮލިސް ސްޓޭޝަން މިއަދު ހުޅުވައިފި އެވެ.

ފުލުހުންގެ އާ އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައި ދެއްވީ އެ އިމާރާތުގައި ބޭއްވި ރަަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ މާޗްމަހު އެވެ. މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން ގަ އެވެ.

ގާތްގަނޑަކަށް، 27.5 މިލިޔަން ރުފިޔާ ހަރަދު ކުރި އިމާރާތަކީ ތިން ފުލޯގެ އިމާރާތެކެވެ. ފުލުހުންގެ ހުޅުމާލޭ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ސްޓޭޝަނުގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ގޮތުން، ޒަމާނީ ވަސީލަތްތައް ހިމަނާފައިވާނެ ކަމަށާއި އެތަނަކީ ޖާގައިގެ ގޮތުން ތަނަވަސްް ތަނެއް ކަމަށެވެ. އަދި، ވިދާޅުވީ، ނެއިބަހުޑް ޕޮލިސްއަކީ ހުޅުމާލޭގައި ވެސް ގާއިމްކޮށް ހަރުދަނާ ކުރަމުން ގެންދާ ކަމެއް ކަމަށެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ އިރު ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިތުރު ވަސީލަތްތައް ހޯދަމުން އަަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލެ ސިޓީ އަކީ އިތުރަށް މީހުން އާބާދުވެ އިންޑަސްޓްރިއަލް، އިގްތިސޯދީ އަދި ތަފާތު އިތުރު ހަރަކާތްތައް ފުޅާވެގެން ދާނެ ސިޓީއަކަށް ވުމުން މި ސިޓީގައި ހަރަަކާތްތެރިވާ ފުލުހުންގެ ދަައުރު ފުޅާވެގެން ދާނެ. މި ކަންކަމާ ގުޅިގެން އަޅުގަނޑުމެން މިހާރުު ވެސް މިދަނީ އިތުރު ވަސީލަތްތައް ހޯދަމުން،" ކޮމިޝަނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އަލަށް އެޅި ފުލުހުންގެ އިމާރާތް ހުންނަނީ ހުޅުމާލެ ނެއިބާހުޑް އެކެއްގެ ސެންޓްރަލް ޕާކް ކައިރީގަ އެވެ. ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް އެންމެ ފުރަތަމަ ދެމުން ދިޔައީ ޗައިނާ ފްލެޓުގެ އިމާރާތެއްގެ ގްރައުންޑް ފުލޯގަ އެވެ.