އަންނަ އަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް އައްޑޫ ސްޓޭޑިއަމުގައި ކުޅެން މަސައްކަތް ކުރާ ކަމަށް މާޒިޔާއިން ބުނެފި އެވެ.
ކޯޗު އަލީ ސުޒޭން ބުނީ ރާއްޖޭގައި މާޒިޔާ ކުޅޭ ތިން މެޗުގެ ތެރެއިން އެއް މެޗު އައްޑޫގައި ކުޅެން ވިސްނަނީ މިހާރު އައްޑޫގައި މާޒިޔާގެ ސަޕޯޓަރުން ވެސް ތިބުމުން ކަމަށެވެ.
"އަހަރެން ވިކްޓަރީގައި ހުރި އިރު ވެސް ވިސްނި ކަމެއް މިއީ. އޭރު އެފްއޭމުގެ އެގްޒެކްޓިވް ސެކްރެޓްރީ އަކަށް ހުންނެވި ހުސެން ރަޝީދު މަސައްކަތްކުރި އޭއެފްސީއާ ގުޅައިގެން އެކަން ކުރެވޭތޯ. އެކަމަކު އެއިރު ދަނޑުގެ ހާލަތު އޮތްގޮތުން އެ ހުއްދަ ނުލިބުނީ. އެކަމަކު މިހާރު އައްޑޫ ދަނޑުގައި ބައިނަލް އަގްވާމީ މުބާރާތެއް ވެސް ކުޅެފައިވުމާއެކު އެކަން ކުރެވިދާނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ބައިނަލް އަގްވާމީ މެޗުތައް ކުޅެން ތަރައްގީ ކުރީ މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަށެވެ. އެ މުބާރާތުގެ އިތުރުން މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ކުޅުނީ އައްޑޫ ދަނޑުގަ އެވެ. ޗޭންޖިން ރޫމުތަކާއި ސެކިއުރިޓީ އާއި ކުޅިބަލާ މީހުން ތިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވީ ނަމަވެސް ފުޓްބޯޅަ މެޗެއް ކުޅެން އެންމެ މުހިންމު އެއް ކަންތައްކަމަށްވާ ލައިޓް ސިސްޓަމް އެ ދަނޑުގައި އަދި ގާއިމްކޮށްފައިނެތެވެ.
މިހެންވެ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކުގައި ވެސް 90 މިނިޓްތެރޭގައި ނަތީޖާ ނުނެރެވިއްޖެނަމަ އިތުރު ވަގުތުގެ 15 މިނިޓްގެ ދެ ހާފު ނުކުޅުވައި މޮޅުވާ ޓީމު ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޗެލެންޖް ކަޕަށް ލަންކާގެ އެހީގައި އަގުބޮޑުކޮށް ވަގުތީ ލައިޓް ސިސްޓަމެއް ގާއިމްކުރި ނަމަވެސް އެ މުބާރާތް ނިމުމުން އެ ލައިޓްތައް ވަނީ އަނބުރާ ލަންކާ އަށް ފޮނުވާލައިފަ އެވެ.