ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން ޝިޕިން ވިޔަފާރި ފަށަން ކުއްޔަށް ގެނައި ބޯޓު ބޭނުން ކުރުމުގެ މުއްދަތު ހަމަވާތީ އެހެން ބޯޓެއް ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެމްއެސްއެސް ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮންޓެއިނާ ބޯޓެއް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހާއްސަ ސްޕެސިފިކޭޝަންތަކެއް ހަމަވާ ބޯޓު ކުއްޔަށް ނަގަން ބޭނުން ވަނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު ވިދާޅުވީ އިއުލާނެެއް ކޮށްފައި ވަނީ މިހާރު ގެންގުޅޭ ބޯޓު ކުއްޔަށް ނެގި މުއްދަތު ހަމަވާތީ ރިނިއު ކުރަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ޝިޕިން ބްރޯކަރުނަށް ވެސް ބޯޓެއް ހޯދުމުގެ ބީލަމުގައި ބައިވެރި ވެވޭނެ އެވެ.
"ބޯޓު އަޅުގަނޑުމެން ގެންނަނީ ހަ މަހަށް. އެހެންވެ، މުއްދަތު ހަމަވާތީ ރިނިއު ކުރަން އިންޓަނޭޝަނަލް ޓެންޑަރަކަށް ހުޅުވާލަނީ. އިންޓަނޭޝަނަލް ޓެންޑަރަކަށް ވިއަސް ރާއްޖޭގެ ބްރޯކަރުންނަށް ވެސް ބައިވެރިވެވޭނެ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ޕްލޭން ކުރި ތާރީހަށް ބޯޓު ކުންފުނީގެ މަސައްކަތް ފެށިގެން ދިޔައީ، ކޮވިޑް-19 ގެ ތެރޭގައި ނަމަވެސް ކުންފުނީގެ ބިޒްނަސް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ހިނާ ކަމަށެވެ.
"ފެށުނީ އިމްޕޯޓް 50 ޕަސެންޓް ދަށް ދުވަސްވަރެއްގައި. މިއީ މި ކަހަލަ ކަމެއް ފަށަން އެންމެ ރަނގަޅު ވަގު ތަކަށް ނުވެދާނެ،" ސައީދު ވިދާޅުވި އެވެ.
އެމްއެސްއެސް އިން ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ ޗާޓަރު ލައިންގެ ހިދުމަތެވެ. ފުރަތަމަ އެ ކުންފުނީގެ ބޯޓުން ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ. ނަމަވެސް މިހާރު އެ ކުންފުނިން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ކުންފުނި ކަމަށްވާ މާސްކްގެ ކޮންޓެއިނާތައް ރާއްޖެ ގެނެސްދެމުންނެވެ.
މޯލްޑިވްސް ސްޓޭޓް ޝިިޕިން އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް) ގެ އެއް ޕަސެންޓް ހިއްސާއާއެކުގަ އެވެ.