މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާއި ފައިސާއާއެކު ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަަ އަަދަދެއްގެ ޑްރަގާއި ފަައިސާއާއެކު ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއަކާއި މާފަންނު ދެ ގެއެއް ބަލައި ފާސް ކޮށްފައިވެ އެވެ. ފުލުހުން ބުނީ، މާފަންނުން ފުލުހުން ބަލައި ފާސް ކުރި ދެ ގޭގެ ތެރެއިން ގެއަކުން މަސްތުވާތަކެތީގެ އިތުރުން 2،750 ރުފިޔާ ފެނިފަ އެވެ. އަދި އަނެއް ގެއިން 54،800 ރުފިޔާ ފެނިފައިވެ އެވެ. އަނެއް ގެއިން ވެސް މަސްތުވާތަކެތި ފެނުނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 3.301 ކިލޯގްރާމެވެ.