ރިޕޯޓް

"ވެއްޓެނީ ވެއްޓެނީ"

Dec 10, 2019
14

އެކަކު އިނީ ސައި ހޮޓަލެއްގަ އެވެ. އަތުގައި ހެދިކާއެއް އޮތް ނަމަވެސް މުޅިން އެހެން "ދުނިޔެއަކަށް" ގެއްލިފަ އެވެ. ތާއްޔާ ޖެހެމުން ގޮސް އޭނާގެ ބޯ އޮތީ ހެދިކާ އެޅި ތަށީ ތެރެއަަށް ލެނބިފަ އެވެ. ދެން ވެސް އެހެން މީހަކު ޕާކިން ޒޯނެއް ކައިރީ ހުއްޓިލައިގެން ހުއްޓެވެ. ފުރަތަމަ ހީކުރީ ކާނު ތެރެއަށް އެއްޗެއް ވެއްޓިގެން އެ ހޯދަން އުޅޭހެނެވެ. އެކަމަކު އޭނާ ގުދަށް އެއޮތީ "ނިދާފަ" އެވެ. ދައްކަން މި އުޅެނީ ގައުމު "ކޮޅަށް ނަގަން" ތިބި ޒުވާނުން "ވެއްޓޭ" ވާހަކަ އެވެ. މަސްތުވެ، މަގުމަތީ އެތަން މިތާ ބިތްޖެހި ގެއްލިފައިވާ މައްސަލައެވެ!

"މަސްތުވާތަކެތީ ބޭނުންކޮށްގެން ތިބޭ މި މީސްމީހުންގެ މައްސަލަ މިހާރު ވަރަށް ގިނަވެގެން އުޅެނީތަ؟ އަހަރުމެންގެ ދަރިންނަށް މި މުޖުތަމައު ތެރޭގައި ކުޑަވެސް ރައްކާތެރިކަމެއް ނެތީތަ،" ޓުވިޓާގައި މީހަކު ސުވާލެއް ކޮށްލި އެވެ.

މާލެ ތެރެއިން މިހާރު މަސްތުވާތަކެތި ބޭނުންކޮށްގެން ބިމުގައި ރަނގަޅަށް ދެފައި ހަރު ނުލަވާ "ޒޮމްބީ" ތަކެއްހެން އުޅޭ މީހުން ނުފެންނަ ދުވަހެއް ނުދެ އެވެ. މޫނުމަތި ދެމިފައި ތިބި މީހުން ބިމުގައި ދެފައި ކާއްތަމުން ލަސްލަހުން ހިނގަމުންދާއިރު އަނެއްބައި މީހުން ތިބެނީ ގޯޅިތަކާއި ކަންކަންމަތީ ވެއްޓިފަ އެވެ. ރައްކާތެރިކަމެއް ނުވަތަ ދުޅަ ހެޔޮ މުޖުތަމައުއެއް ލިބޭނެ ކަމުގެ އުންމީދުގެ ކަންފުޅެއް ވެސް ނެތެވެ.

އެ ވާހަކަތަކާއި ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަވެއްޖެ އެވެ. މި ވަބާއިން ސަލާމަތް ނުވެވިގެން އުޅޭ އިރު މި މައްސަލައަށް ވެރިންގެ ސަމާލުކަމެއް ނުލިބެ އެވެ! އެ ވާހަކަ ވެސް ނުދައްކަ އެވެ.

އަވަސްއިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވި ގޮތުގައި މީހުން މަސްތުވެގެން މަގުމަތީގައި އުޅޭ މައްސަލަ މިދުވަސްވަރު އިތުރުވެއްޖެ އެވެ. އިއްޔެ އެކަނި ވެސް މާލެ ތެރެއިން އޭގެ ތިން ކޭސްއެއް އައެވެ.

"އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވަނީ. މީގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ކޮންމެ ދުވަހަކު ވެސް ޑްރަގް އޮޕަރޭޝަންތައް ހިންގާ، މަސްތުވާތަކެއްޗާއެކު މީހުން އަތުލައިގަނޭ. އަދި މި އޮޕަރޭޝަންތަކަކީ ކޮންމެ ދުވަހަކު ވެސް ކާމިޔާބުކަމާއެކު ކުރިޔަށް ދާ އޮޕަރޭޝަންތަކެއް،" އިޒްމިއާ ވިދާޅުވި އެވެ.

ފެންމަތިވެގެން އުޅެނީ މަގުމަތީ މަސްތުވެގެން ޒުވާނުން އުޅޭ މައްސަލަ އެކަންޏެއް ނޫނެވެ. މިއާއެކު ހަބަރެއް ނުވެގެން ނުވަތަ ނުހޭލައިގެން މަރުވެފައި އޮއްވާ މީހުން ފެންނަ މައްސަލަތައް ވެސް ގިނަ އެވެ. މިހާރު ގިނަ ފަހަރަށް އެ މީހުންގެ އަންގައިން ފޮނު އަރައި އޮންނަނީ އޯވާޑޯޒްވެފަ އެވެ. އިއްޔެ ވެސް މީހަކު އެފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނެވެ. އެކަމަކު އެއީ މަސްތުވާތަކެތީގެ މައްސަލައެއް ކަމެއް އަދި ފުލުހުން ނުބުނެ އެވެ. ނަމަވެސް މިފަހުން ހިނގި އެފަދަ ދެތިން ކޭސްއެއްގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން މީހުން އޯވަޑޯޒްވެފައިވާ ކަން އަވަސްއަށް ވަނީ ކަށަވަރުވެފަ އެވެ.

އެހާ ހިސާބުން އެހެން ސުވާލެއް ވެސް އުފެދެ އެވެ. މާލެގައި އާ ޑްރަގެއް ނުވަތަ ވަރުގަދަ ޑްރަގް ނެޓްވޯކެއް އެކްޓިވޭޓް ވެގެން އުޅެނީ ހެއްޔެވެ؟ މިކަން ކުއްލިއަކަށް މިހާ ގިނަވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރެއް ނުވެއްޓުނު ނަމަވެސް މިއަށް ވުރެ ވަކި ބޮޑު ވެއްޓުމެއް ގައުމަކަށް އޮންނާނެ ހެއްޔެވެ؟