ހަބަރު

މުހައްމަދާއި އަލީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. މުހައްމަދު އިބްރާހިިމް އާއި އަލީ ރަޝީދު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަަދުނާނެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ޢަލީ ރަޝީދު ހުސައިން އެންމެ ފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ޑްރަގު ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އެވެ.

ޑޮކްޓަރ މުހައްމަދު އިބްރާހީމް، އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ޙާޞިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.