ވިޔަފާރި

އާމްދަނީ 46 ޕަސެންޓް ދަށް، ހަރަދަށް ކުޑަ ދަށްވުމެއް

ދައުލަތަށް ލިބުނު އާމްދަނީ 46 ޕަސެންޓް ދަށްވިނަމަވެސް، ދައުލަތުގެ ހަރަދަށް މިހާތަނަށް އައިސްފައިވަނީ ކުޑަ ދަށްވުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ 16.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 46 ޕަސެންޓުގެ ދަށްވުމެކެވެ.

މިހާތަނަށް ދައުލަތުން ހަރަދުގެ ގޮތުގައި 17.1 ބިލިއަން ރުފިިޔާ ވަނީ ހޭދަކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 17.5 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ހޭދަވާނެ ކަމަށް ކުރިން އަންދާޒާ ކުރީ 35 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ދައުލަތުގެ ހޭދަ އިން މިދިޔަ އަހަރާ އަޅާ ބަލާއިރު އުނިވެފައިވަނީ ގާތްގަނޑަކަށް ދެ ޕަސެންޓް ވަރެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ޓެކްސްގެ ގޮތުގައި މިހާތަނަށް ލިބުނީ 7.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 12.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރު 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު މި އަހަރު މިހާތަނަށް ލިބިފައިވަނީ 188 މިލިއަން ރުފިޔާ އެވެ.

މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ މުސާރައަށް 6.5 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މިދިޔަ އަހަރުގެ މުސާރައުގެ ހޭދަ ވެސް އުޅެނީ ގާތްގަނޑަކަށް އެ އަދަދަށެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބިފައިވާ އަދަދަކީ ޖުމްލަ 190 މިލިއަން ޑޮލަރެވެ.