ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އާމްދަނީ އަށެވެ. ދުނިޔެ އާއި ރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށެވެ. ހާއްސަކޮށް ޓޫރިޒަމަށް ބަރޯސާވުން ބޮޑެތި ގައުމުތަކުގައި މި ގެއްލުން ބޮޑެވެ. ރާއްޖެއަކީ މިފަަދަ އެއް ގައުމެވެ. ރާއްޖޭގެ އިގްތިސޯދުގެ 80 ޕަސެންޓުގެ ބަރޯސާ އޮތީ ޓޫރިޒަމް އަށެވެ. އެހެންވެ ދުނިޔެ އަށް ކުރިމަތިވި މި ބަލި މަޑުކަމުގެ ސަބަބުން ދަތުރު ފަތުރު ހުއްޓާލަން ޖެހުމާއެކު އިގްތިސޯދުވަނީ ދަށްވެފަ އެވެ. ޓޫރިޒަމުން ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބޭނެ ކަން ވަނީ ޔަގީންވެފަ އެވެ. މި އަހަރު ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ސަރުކާރުން ހަދާފައިވާ "ސިނާރިއޯ ތިނެ" ގެ ހާލަތަށް ފިޓުވާނަމަ މިހާރުގެ އަންދާޒާއަކީ މި އަހަރު ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ. މި ހާލަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީ މި އަހަރު ލިބިދާނެ ހެއްޔެވެ؟
"މިހާރު އިކޮނޮމީ އޮތް ގޮތާއި ޓޫރިޒަމްގެ ލަފާ ކުރުން ދައްކާ ގޮތުން މި އަހަރުގެ އާމްދަނީ [15 ބިލިއަން ރުފިޔާ] ލިބޭނެ ކަމަށް ލަފައެއް ނުކުރެވެ. އެންމެ ގިނަވެގެން ވެސް 10 ބިލިއަން ވަރު ލިބޭނެ ކަމަށް ބެލެވެނީ. މިހާރު ޓެކުހުން ލިބޭނެ އާމްދަނީ ބޮޑުތަން ދަށްވެފަ. އެހެންވެ 15 ބިލިއަން ރުފިޔާ ވަރު ހޯދަން ވެސް އިތުރު ހަތަރު މަސް ވަރު އަދި ބޭނުން ވާނެ،" އިގްތިސޯދީ މާހިރަކު އޭނާގެ ލަފާ ކުރުން އަވަސް އަށް ހިއްސާ ކުރި އެވެ.
ރާއްޖޭގެ ބޯޑަރު ކޮވިޑުގެ ބަލި މަޑު ކަމުގެ ސަބަބުން ބަންދުކުރީ 15 މާޗުގަ އެވެ. އެ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް މަސް ދުވަހަށް ބަލާނަމަ އާމްދަނީ އަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ. އެކަން އެނގެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އާމްދަނީގެ ހިސާބުތައް ހާވާލުމުންނެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އެޕްރީލް މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 527 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރުގެ މެއި މަހު ލިބުނީ 206 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު 61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 50 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބުނީ 4.7 މިލިއަން ރުފިޔާ އެވެ.
2019-2020 އަށް އާމްދަނީގެ ފަރަގު
- 2019 އެޕްރީލް: 1.3 ބިލިއަން ރުފިޔާ (2020: 527 މިލިއަން ރުފިޔާ)
- 2019 މެއި: އެއް ބިލިއަން ރުފިޔާ (2020: 206 މިލިއަން ރުފިޔާ )
- 2019 ޖޫން: 61 މިލިއަން ރުފިޔާ (2020: ހަތް މިލިއަން ރުފިޔާ)
- 2019 ޖުލައި: 50 މިލިއަން ރުފިޔާ (2020: 4.7 މިލިއަން ރުފިޔާ)
މި އަހަރުގެ މިހާތަނަށް ލިބުނީ އަށް ބިލިއަން
ސަރުކާރުން ކުރިން ލަފާކުރީ އާންދަނީގެ ދެބައިކުޅަ އެއްބައި ދަށްވާނެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ބަލާއިރު ދައުލަތުގެ އާމްދަނީގެ ދެބައި ކުޅަ އެއްބައި ވަނީ އުނިވެފަ އެވެ. މިހާތަނަށް އާމްދަނީ ވަނީ 46 ޕަސެންޓް ދަށްވެފަ އެވެ. މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ 16.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު އާމްދަނީއާ އަޅާބަލާނަމަ ގާތްގަނޑަކަށް 46 ޕަސެންޓުގެ ދަށްވުމެކެވެ.
މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ދަނީ ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބުނީ ހަތް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 12 ބިލިއަން ރުފިޔާ ހަމައެކަނި ޓެކުހުން ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑަށް ދަށްވެފައިވާ އާމްދަނީގެ އަނެއް ދާއިރާއަކީ ހިލޭ އެހީ އެވެ. މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިހާތަނަށް ލިބުނީ 188.6 މިލިއަން ރުފިޔާ އެވެ.
މި ހާލަތާ ގުޅިގެން ކުރިން ލަފާކުރި އާމްދަނީ ނުލިބުމުގެ ފުރުސަތު އޮތް ހާލަތު ކުރިމަތިވަނީ ޓޫރިޒަމް ސިނާއަތުން ޓެކްހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ބޮޑުތަން ދަށްވެފައިވުމެވެ. ބޯޑަރު ހުޅުވާލި ނަމަވެސް މިހާތަނަށް އައިސްފައިވަނީ 11،000 މީހުންނެވެ. ނަމަވެސް ސަރުކާރުން ކުރިން ލަފާކުރީ މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށެވެ. އަދި އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ފުރަތަމަ ވިދާޅުވީ މި އަހަރު 120،000 މީހުން އަންނާނެ ކަމަށެވެ. މިހާރު މިނިސްޓަރުގެ ވިދާޅުވުން ވެސް ގޮސް ހުއްޓެނީ 100،000 އެއްހާ ޓޫރިސްޓުންނާ ހިސާބުންނެވެ. މިއީ ދައުލަތުގެ އާމްދަނީ އެންމެ ބޮޑަށް ހީނަރުވާނެ މައިގަނޑު ސަބަބެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ޓެކުހުގެ ގޮތުގައި އާމްދަނީ ލިބޭ ރިސޯޓުތަކުގެ ކުލިން މިދިޔަ އަހަރު 880.1 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ 376.5 މިލިއަން ރުފިޔާ އެވެ. މިހާރު ސަރުކާރުން ވަނީ ރިސޯޓުތަކުގެ ބިމު ކުލި ހުރިހާ ރިސޯޓު ތަކަށް ފަސްކޮށްދީފަ އެވެ. މިއީ ވެސް ކުރިން ލަފާކުރި އާމްދަނީ އިން ގެއްލިގެން ދާނެ ބޮޑު އަދަދެކެވެ.
ދެން ނަގާނީ ލޯނު، ބޮޑުވަނީ ދަރަނި
ދައުލަތަށް ލިބޭ އާމްދަނީ ގެއްލިގެންދާ ވަރަކަށް ބަޖެޓުގެ ދަރަނީގެ ފަރަގު ދާނީ މަތިވަމުންނެވެ. މިހާރުގެ އަންދާޒާއަކީ ބަޖެޓުގެ ދަރަނި 12 ބިލިއަން ރުފިޔާގައި ހުންނާނެ އެވެ. ބަޖެޓުގެ ދަރަނި ފޫބައްދަން ސަރުކާރަށް ކުރަން ޖެހޭ ކަމަކީ ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދުމެވެ. ލޯނު ނަގައިގެންނަމަވެސް އާމްދަނީ ހޯދަން މަޖުބޫރުވާނެ އެވެ. ލޯނު ނަގާ ވަރަކަށް ދައުލަތުގެ ދަރަނި ދާނީ މަތިވަމުންނެވެ. މިހާރު ވެސް އެ ބަދަލު ދަނީ ފެންނަމުންނެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ވަނީ ލޯނު ނަގާފަ އެވެ. ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
މިހާރު ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 37.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ވަނީ ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ. އަދި އެތޭރެ ދަރަނި ހުރީ 53 ޕަސެންޓުގަ އެވެ.-- ދައުލަތަށް ކުރިމަތިވާނެ އަނެއް މައްސަލައަކީ މި އެވެ.