ރިޕޯޓް

އިމާރާތްތަކުގެ ސޭފްޓީ އިންސްޕެކްޝަނެއް ބޭނުން!

  • މާލޭގެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލޭނެ ނިޒާމެއް ނެތް
  • އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި
  • ގޭގެ ކުއްޔަށް ދޭ މީހުން ބަލަނީ އިމާރާތް ނުނިންމާ ކުއްޔަށް ދޫކޮށްލަން

އަބަދުވެސް ވާގޮތަކީ ކަމެއް ދިމާވުމުން ދުވަސްކޮޅަކަށް އެ ވާހަކަ ދައްކާލާފައި ދެން ހުއްޓާލަނީ އެވެ. އަނެއްކާވެސް ކަމެއް ދިމާވީމާ އެކަމެއްގެ ވާހަކަ ފަށަނީ އެވެ. ކޮންމެ ކަމެއްވެސް ހިނގަނީ މި މަގުންނެވެ. މި ބާވަތުގެ ހާދިސާއެއް މީގެ ދެތިން ދުވަސް ކުރިން މާލޭގައި މިވަނީ ހިނގާފަ އެވެ. ގެއެއްގެ ލިފްޓް ގޮޅިއެއްގެ ތެރެއަށް ހަތް މަހުގެ ތުއްތު ކުއްޖަކާއި 57 އަހަރުގެ މާމައެއް ވެއްޓުނީ އެވެ. މި ނުރައްކާތެރި ހާދިސާގައި ތުއްތު ކުއްޖާވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ. މާމަ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. މިއީ މިގޮތަށް މިފަދަ ހާދިސާއެެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. މާލޭގެ އިމާރާތްތަކުގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ. މިކަން މިވަނީ ދެވަނަ ވިސްނުވަމަށް ދާން ޖެހިފަ އެވެ. މީގެ ހައްލަކީ ކޮބައި ހެއްޔެވެ؟

"މާލޭގެ އިމާރާތްތަކުގައި ދިރިއުޅެން ހުއްދަ ދޭއިރު އެބަޖެހޭ ޗެކް ލިސްޓެއް އޮންނަން. މީހުން އުޅެން ހުއްދަ ދޭއިރު މިނިމަމް ޗެކް ލިސްޓެއް އޮންނަން ޖެހޭ. އެހެން ނޫންނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް،" މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޓަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

މާލޭގެ އިމާރާތްތަކަށް ބަލާއިރު ލިފްޓް ބަހައްޓަން ރެޑީކޮށް، ނަމަވެސް ލިފްޓް ނުބަހައްޓާ ކިތަންމެ ގެއެއް އެބަހުއްޓެވެ. އަދި ހަމައެހެންމެ އެފަދަ ގިނަ ތަންތަން ހުރީ ހާމަައަށެވެ. ފުންމާލަން ބޭނުންނަމަ ފުންމަންވީ އެވެ. ވެއްޓޭ މީހުން ވެއްޓޭނެ ގޮތަކަށެެވެ. ލިފްޓުގެ އިތުރުން ވެސް ގިނަ އިމާރާތްތަކުގައި މައްސަލަ ބައިވަރެވެ. ބައެއް އިމާރާތްތައް ބެލްކަނި ހުރެމެ، ބެލްކަނީގައި ރެއިލިން ހަރުނުކޮށް އެބަހުއްޓެވެ. މި ފަދަ އިމާރާތްތަކުގައި ވެސް ފުލްކޮށް މީހުން ދިރިއުޅެ އެވެ. މިއީ ނުރައްކަލެއް ނޫންތޯ އެވެ؟ މި ތަންތަން ބަލަން ނުވޭ ހެއްޔެވެ؟

މަސީގެ ރައީސް، ޖަނާހު ވިދާޅުވީ ރާއްޖޭން ބޭރުގައި އެފަދަ އިމާރާތްތަކުގެ ލިފްޓް ގޮޅިތައް ލިފްޓް ބެހެއްޓުމުގެ ކުރިން ހުންނާނީ މީހުންނަށް ގެއްލުން ނުވާ ގޮތަށް ރާނާފައެވެ. ނުވަތަ ބައްދާފައި ކަމަށެވެ.

"ލިފްޓް ނެތް ކަމަށްވާނަމަ އެތަން ހުންނަން ޖެހޭނީ ރާނާފައި. އެ ތަނުން ތަންކޮޅެއް މީހުންނަށް ގެއްލުންވާ ގޮތަށް ބަހައްޓާފައި ހުރެގެން ނުވާނެ. މީގައި ޗާންސް އެ ބައޮތް މީހަކު ސުއިސައިޑް އެޓެމްޓް ވެސް ކޮށްފާނެ. އެހެންވެ މިކަމާ ވިސްނަން ޖެހޭ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭގެ ބެލްކަނިތައް ވެސް ހުންނަން ޖެހެނީ އިންޓަނޭޝަންލް ސްޓޭންޑަޑަށް ވަކި އުސްމިނެއްގައި ކަމަށެވެ. އަދި މި ކަންކަމަކީ ކަމާބެހޭ ފަރާތްތަކުން ފުރިހަމައަށް މޮނީޓަރު ކުރަންޖެހޭ ކަންތައްތައްކަން ޖަނާހު ފާހަގަ ކުރެއްވި އެވެ.

"ހައުސިން މިނިސްޓްރީގައި އެބަތިބި ޗެކާސް. މިނިސްޓްރީގެ ރަޖިސްޓްރީގައި އެބަ ތިއްބަވާ އިންޖިނޭރުންނާއި އާކިޓެކްޓުން ވެސް. އެ ބޭފުޅުން އެޕްރޫވްކުރީމަ ހުއްދަތައް މި ލިބެނީ. ހަމައެކަނި އެޕްރޫވް ކުރަން ޖެހޭނީ އިމާރާތުގެ ކުރެހުންތައް އެކަންޏެއް ނޫން. ބިލްޑިންގް ނިންމާފައި ދެން ކަންތައް ކޮށްފަ ހުރީ ކިހިނެއްތޯ ވެސް ބަލަން ޖެހޭ؟.. ބަލަން ޖެހޭ ކުރެހުމާ އެއްގޮތަކަށް ތޯ ބިލްޑިންގް ހެދިފައި ހުރީ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް އާއްމުން ވެސް ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ.

"އެބަހުރި ދަގަނޑު ހޮޅި ޖަހާފަ. ބައެއް ބެލްކަނިތައް އެބަހުރޭ ފްލައިވުޑް ޖަހާފަ. އެ ފަދަ ތަނެއް ނައްޓައިގެން ހިނގައްޖެނަމަ އެ ދިޔައީ ދުވަސް. މިއީ ވަރަށް ބޮޑު ނުރައްކަލެއް،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ އިމާރާތްތައް ސެކިއުރިޓީ އިންސްޕެކްޝަނެއް ހަދަން ޖެހޭ ކަމަށެވެ. މިހާރުން މިހާރަށް މިކަން އަވަސް ކުރަން ޖެހޭކަމަށް ޖަނާހު ވިދާޅުވި އެވެ.

"ގިނަ ގޭގައި އެބަހުރި ސިޑީގައި އަލިކަމެއް ނެތް ގިނަ ގޭގެ ވެސް. އެ ގޭގޭގައި ވެސް މީހުން ދިރިއުޅޭ ބޮކި ނުވެސް ހުރޭ. އެއީ ވަަރަށް ނުރައްކާތެރި ކަމެއް. ސޭފްޓީގެ ގިނަ އިޝޫތަކެއް އެބަހުރި. އިމާރާތް ކުރުމުގެ ފަހުން ވެސް ސޭފްޓީ ގިނަ ކަންތައްތަކެއް އެބަހުރޭ. އެހެންވެ ގިނަ ބިލްޑިންގްތައް އެ ބަޖެހޭ ސޭފްޓީ އިންސްޕެކްޝަނެއް ހަދަން،" ޖަނާހު ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ މާލޭގެ އިމާރާތްތަކުގެ ސޭފްޓީ އިންސްޕެކްޝަނެއް ހަދަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއް ސަބަބަކީ އިމާރާތްތައް ހަދަނީ ހައުސިން މިނިސްޓްރީން ހުއްދަ ނަގައިގެން ނަމަވެސް އިމާރާތް ނިމުމަށްފަހު މީހުން އުޅޭ ހިސާބުން ރަނގަޅަށް ބެލެހެއްޓެމުން ނުދިއު މެވެ. ހާއްސަކޮށް މާލޭގައި ބޯހިޔާވަހިކަމުގެ ދަތިތައް ހުރި ގޮތުން އިމާރާތުގެ ޝީޓް އަޅާ ހިސާބުން އެޑްވާންސް ނަގަން ފަށަ އެވެ. ދެން އެހާ ހިސާބުން އެ ނިމުނީ އެވެ. އެ އިމާރާތެއް ނުނިމުނަސް މީހުން ވަންނަންވީ އެވެ. އެ ތަނުގައި ލިފްޓް ހުއްޓަސް، ނޫނީ ބެލްކަނިތަކުގައި ރޭލިން ނެތަސް އެޕާޓްމަންޓަށް މީހުން ވަންނާނެ އެވެ.

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކިތަންމެ ފުޅާވިނަމަވެސް އިމާރާތް ކުރަނީ ބިލްޑިން ކޯޑެއްގެ ދަށަކުން ނޫނެވެ. ނަމަވެސް އިމާރާތް ކުރާ ތަންތަނުގައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ބަޔާންކޮށް ގައިޑްލައިނެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނެރެފައިވެ އެވެ. ނަމަވެސް މި ކަމާބެހޭ ގޮތުން ވެސް ޒަމާނީ ގާނޫނެއް ރާއްޖެއަކުނެތެވެ. މިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިހެންވުމުން އިމާރާތް ކުރަމުން ދާއިރާއި އިމާރާތް ނިމުމަށްފަހު ވެސް ގިނަ މައްސަލަތަކެއް ދަނީ ނުކުންނަމުންނެވެ. ނަމަވެސް ބިލްޑިން ކޯޑުގެ މަސައްކަތް ކުރުމަށް މީގެ ކުރިން މަސީން ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ.

ޖަނާހު ވިދާޅުވި ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާގެ ހެލްތް އެންޑް ސޭފްޓީ ގާނޫނެއްގެ މުހިންމުކަން ބޮޑެވެ.

"މީގައި އެބަޖެހޭ އިމާރާތް ކުރުމާއި އިމާރާތް ކުރުމަށްފަހު ވެސް ބަލަން ޖެހޭ ކަންތަކެއް ފުރިހަމަ ކުރަން،" ޖަނާހު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން އުޅޭ މި މާލޭގެ އިމާރާތްތަކުގެ ފެންވަރު މިވަނީ ބަލަން ޖެހިފަ އެވެ. މާލޭގައި ސޭފްޓީ ދަށް ގިނަ އިމާރާތް ތަކެއް އެ ބަހުއްޓެވެ. އެހެންކަމުން މި ފަދަ އިމާރާތްތައް ފާހަގަކޮށް ސޭފްޓީ އިންސްޕެކްޝަނެއް ހަދަން ޖެހެ އެވެ.