ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ރާއްޖެއަށް ސޭފް ޓޫރިޒަމް ސްޓޭމްޕް ލިބިއްޖެ

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއިން ހޯދައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިފައިވާ ކަމަށާ، މިއީ ޓޫރިސްޓުންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ޔަގީންކަން ދޭން މުހިންމު ސެޓްފިކެޓެއް ކަމަށެވެ.

މި ސްޓޭމްޕް ލިބުނުކަން ރާއްޖެއަށް އަންގާފައިވަނީ އިއްޔެ އެވެ. މިހާރު ޑަބްލިއުޓީޓީސީން ވެސް ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

"ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ އެންޑޯޒްމަންޓުވެސް ލިބިއްޖެ. މިނިސްޓްރީން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ... ސޭފް ޑެސްޓިނޭޝަން އެންޑޯޒްމަންޓް ލިބިއްޖެ. މި ހުރިހާ ކަމަކުން އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވޭނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އައުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުމަކީ ލިބިގެންދިޔަ ޔަގީން ކަމެކެވެ.

"ނެގެޓިވް ބޯޑާ ޕީސީއާރު އެއީ އެހެން ގައުމުތަކުން ވަރަށް ބަލައިގަތް ކަމެއް. އިރާދުކުރެއްވިއްޔާ، ނެގެޓިވް ޕީސީއާރުގެ ފަހުން ރަޝިއާ ފްލައިޓެއް ވެސް އަންނަން ފަށައިފި. ރަޝިއާގެ މާކެޓަކީ ބޮޑު މާކެޓެއް. ހަރަދު ވެސް ކުރާ ބައެއް އެއީ. އެހެންވެ މީގެ ހެޔޮ އަސަރު ކުރާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މީގެ އިތުރުން ޖަރުމަނު މީހުން ވެސް ރާއްޖެ އައިސް ގައުމަށް ދާއިރު އަންނަ މަހުން ފެށިގެން ކަރަންޓީން ވާން ނުޖެހޭނެ ގޮތަށް ނިންމުމަކީ ވެސް ހެޔޮ ބަދަލެއް ކަމަށް ވިދާޅުވި އެވެ.

ޑަބްލިއުޓީޓީސީ އިން ދޭ "ސްޓޭމްޕް" އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ސެޓްފިކެޓް ދޭ ޑަބްލިއުޓީޓީސީން ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންނަށް ޔަގީންކަން ލިބިގެންދާނެ ސެޓްފިކެޓެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން ކުރި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖެ އަށް 800،000 ޓޫރިސްޓުން އަންނާނެ އެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. މިހާތަނަށް އައިސްފައިވަނީ 9،000 ޓޫރިސްޓުންނެވެ.

Message by Ministry Of Health