ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ލިމިޓު ކުރި ނަމަވެސް ބޭސްފަރުވާއަށް ބޭރަށްދާ މީހުންނާއި ދަރިވަރުންނަށް ލިމިޓު އިތުރު ކުރެވޭނެ ކަމަށް ބެންކުން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބަދަލު ގެނައީ މިއަދު އެވެ. މި ބަދަަލާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، ބޭސްފަަރުވާ ހޯދާ ފަރާތްތަކާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި އިސްކަންދީ ކާޑު ލިމިޓު އިތުރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން މިއަަދު ބުންޏެވެ.
އެގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވޭނެ ކަމަށް ބެންކުން ބުނެ އެވެ. އިންޓަނެޓް ބެންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށް ފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ހުށަހެޅޭނެ އެވެ. ލިޔުން ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށް ފަހު ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އިތުރަށް ބުނީ މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ކޮލެޖާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށެވެ.
ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެ، ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ގެނައި މި ބަދަލާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނީ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއް ފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހީނަރު ކަމަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ ދަތުރު ފަތުރަށް ހުރަސް އެޅުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީއަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދަކީ 250 ޑޮލަރެވެ. މިބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
ބޭރުގައި މުއާމަލާތް ކުރެވޭ އަދަދުތަކަށް ބަދަލު ގެނައި ނަމަވެސް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލްގެ ޔޫއެސް ޑޮލަރު ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ޑޮލަރު ގަނެވޭނެ އެވެ. އަދި މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮލަރު ނެގޭނެ އެވެ.