ހަބަރު

ފެނަކައިގެ ދަށުން ހިންގާ ތަންތަން އަގުމަގުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގާ އިންޖީނުގެތަކާއި އެތަންތަން ހިންގަން ގާއިމުކޮށްފައިވާ ވަސީލަތްތައް އަގުމަގު ކޮށްފި އެވެ.

މި މަސައްކަތް ކުރީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެނެވެ. މަސައްކަތް ނިންމާ އެސެޓް ވެލުއޭޝަން ރިޕޯޓު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މި ރިޕޯޓު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު އާ ހަވާލުކުރީ އެންވަޔަރަންމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރިޕޯޓް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މި ރިޕޯޓަކީ އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގު ފުރަތަމަ ފަހަރަށް އެނގޭ ރިޕޯޓެކެވެ.

އެންވާރަަމަންޓުން ބުނީ، މީގެ ކުރިން ކޮންމެ ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުންގެންދަނީ އެރަށެއްގައި ވަކި އިންޖީނުގެ އަކާއި ކަރަންޓު ވިއުގައެއް ގާއިމުކޮށްގެން ކަމަށާއި މި ނިޒާމުތަކަކީ އެއްވެސް ޑިޒައިނެއް، ޕްލޭނެއްނެތި އަމިއްލަ ފަރާތްތަކާއި ރަށްކުރިއަރުވާ ކޮމެޓީތަކުން ގާއިމުކޮށްފައިވާ، ގިނަދުވަސް ވެފައިވާ ނިޒާމުތަކެއް ކަމަށެވެ.

އަދި، ރާއްޖޭގައި ކަރަންޓުގެ ހިދުމަތްތައް ހަރުދަނާކޮށް މެދުނުކެނޑި ފޯރުކޮށްދިނުމަށް 2009 ވަނަ އަހަރު ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފައްދައި ހަތް ސަރަހަށްދަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭންފެށި ކަމަށާއި ޔުޓިލިޓީ ކުންފުނިތަކުން ދެމުން ގެންދިޔަ ހިދުމަތްތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓެލްކޯ އިން ދެމުން ގެންދާ ހިދުމަތްތަކެއްގެ ގޮތަށް ބަދަލުކުރެވުނީ 2012 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން ފެނަކަ ކޯފަރޭޝަން ލިމިޓެޑްގެ ދަށުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީ އެއް މިހާތަނަށް އެކުލަވާލާފައެއް ނުވާ ކަމަށް އެންވާރަމަންޓުން ބުނެ އެވެ.

މިއަދު ނެރުނު ރިޕޯޓުގެ ސަބަބުން ފެނަކައިގެ ހުރިހާ މުދަލެއްގެ އަަގު އެނގި އެ ކޯޕަރޭޝަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެހީވެދޭނެ ކަމަށްވެސް ބުންޏެވެ.